ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އާއި ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން ކުށްވެރިކަމަށް ނިންމި ހުކުމްތަކަށްފަހު، އެބޭފުޅުން އަވަހަށް ހަވާލުކުރުމަށް ބަންގްލަދޭޝްއިން އިންޑިއާއަށް ގޮވާލާފައިވެއެވެ.
ހަސީނާގެ ވެރިކަން ވެއްޓެން ދިމާވި ހަމަނުޖެހުންތަކަށްފަހު އެ ދެބޭފުޅުން ވަނީ އިންޑިއާއަށް ވަޑައިގެން އެ ގައުމުގެ ހިމާޔަތް ހޯއްދަވާފައެވެ. އެ ދެބޭފުޅުންގެ މައްޗަށް އުފުލުނު ދައުވާތައް ބަލައި ބަންގްލަދޭޝްގެ ބައިނަލްއަގްވާމީ ޓްރެބިއުނަލުން ވަނީ އެ ދެބޭފުޅުންގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައެވެ. އަދި، މުޒާހަރާތަކުގައި މަރުވި ނުވަތަ ޒަޚަމްވި ފަރާތްތަކަށް ބަދަލު ދިނުމަށް ކޯޓުން ސަރުކާރަށް އަމުރުކޮށްފައިވެއެވެ.
އެއަށްފަހު ބަންގްލަދޭޝްގެ ހާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދެޤައުމުގެ ދެމެދުގައި މިހާރު އޮތް މުޖުރިމުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން، އިންޑިއާ އެކަމަށް އަމަލުކުރުން ވާޖިބެވެ. އެހެންވެ ކުރީގެ ބޮޑުވަޒީރު ހަސީނާ އާއި ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން ބަންގްލަދޭޝް އާއި ހަވާލުކޮށްދިނުމަށް ގޮވައިލާކަމަށް ބުނެފަވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކަށް ކުށްވެރިވެފައިވާ މި ފަރާތްތަކަށް އެހެން އެއްވެސް ޤައުމަކުން ސިޔާސީ ހިމާޔަތް ދިނުމަކީ، ވަރަށް ބޮޑު ރަޙުމަތްތެރި ނޫން ޢަމަލެއް އަދި ޢަދާލަތަށް އިހާނާތްތެރިވުމެއް ކަމުގައެވެ.
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފި
އިންޑިއާގައި ސިޔާސީ ހިމާޔަތުގައި ހުންނަވައި ވާހަކަ ދައްކަވަމުން ހަސީނާ ވިދާޅުވެފައިވަނީ، ކޯޓުގެ މި ނިންމުމަކީ ބުރަދަން ނެތް އަދި ސިޔާސީ މަންފާއެއް ހޯދުމަށް ކުރެވުނު ކަމެއް ކަމަށެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން މި ހުކުމަކީ "ތާރީޚީ" ހުކުމެއް ކަމަށް ސިފަކޮށް، ރައްޔިތުން "ހަމަޖެހި، ކެތްތެރިވެ އަދި މަސްއޫލިއްޔަތު އަދާކުރުމަށް" ވަނީ ގޮވާލާފައެވެ.
ވަގުތީ ސަރުކާރުން އިންޑިއާއަށް ވަނީ ހަސީނާ "އަވަހަށް ހަވާލުކުރުމަށް" އެދިފައެވެ. ނަމަވެސް، މި ކަންތައްތަކާ ބެހޭ ގޮތުން އިންޑިއާއިން އަދި އެއްވެސް އެއްޗެއް ބުނަފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!