އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުން، ނަރުހުން އަދި މެޑިކަލް/ޓެކްނިކަލް ހުރިހައި މުވައްޒަފުންނަކީވެސް
ޤާބިލް، ފަންނީ މުވައްޒަފުންކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުން، ނަރުހުން އަދި މެޑިކަލް/ޓެކްނިކަލް ހުރިހައި މުވައްޒަފުންނަކީވެސް ބައިނަލްއަޤްވާމީ މިންގަނޑުތަކުން ޤަބޫލުކުރާ ތަޢުލީމާއި ތަމްރީނުތައް ފުރިހަމަކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ކަމާބެހޭ ކައުންސިލްތަކުން ކަނޑައަޅާފައިވާ އިމްތިހާނުތަކާއި އެހެނިހެން އިޖުރާއަތްތައް ފުރިހަމަކޮށް، މި ކައުންސިލްތަކުގައި ރަޖިސްޓަރ
ވެފައިވާ ޤާބިލް، ފަންނީ މުވައްޒަފުންކަމަށެވެ.

Ad
rt

ބޭހެއް ދިނުމުގެ ކުރިން ޑޯޒް ކަލްކިއުލޭޝަން ކަށަވަރު ކުރުމަށް ނުވަތަ އެނޫންވެސް ކަމެއް ކަށަވަރު ކުރުމުގެ ގޮތުން ޞިއްޙީ ޚިދުމަތްތެރިން ރިޢާޔަތްކުރާ ޑޭޓާބޭސްތަކާއި، ސޮފްޓްވެއަރއެޕް ތަކާއި މެޑިކަލް ކަލްކިއުލޭޓަރ ފަދަ ވަޞީލަތްތައް ހުންނައިރު މިއިން ވަޞީލަތެއްގެ ބޭނުން މުވައްޒަފެއް ހިފުމަކީ އެއްގޮތަކަށްވެސް އެ މުވައްޒަފެއްގެ ޤާބިލްކަމާމެދު ސުވާލު އުފެދޭ ކަމެއް ނޫން ކަމަށާއި، ނަމަވެސް މިއީ ފަރުވާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އިތުރު މަސައްކަތެއް ކުރާކަމުގެ ހެއްކެއް ކަމަށް އެ ހޮސްޕިޓަލްގެ ނޫސް ބަޔާނުގައި ވެއެވެ. އަދި އެއީ ހޮސްޕިޓަލްތަކުން އަބަދުވެސް ތަރުޙީބުދޭ ކަމެއްކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"މި ހޮސްޕިޓަލުން ރައްޔިތުންނަށްދޭ އެއްވެސް ޚިދުމަތަކާއި މެދު ޝަކުވާއެއް އޮތްނަމަ ނުވަތަ މުވައްޒަފެއް ޢަމަލުކުރި އެއްވެސް
ގޮތަކާއި މެދު ސުވާލު އުފެދޭ ކަމެއް އޮތްނަމަވެސް އެކަމެއް މި ހޮސްޕިޓަލަށް ނުވަތަ ރާއްޖޭގެ ކަމާބެހޭ އެހެނިހެން
މުއައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ގިނަ އިންތިޒާމުތަކެއް ވަނީ ހަމަޖެހިފައެވެ." އިތުރަށް އެނޫސް ބަޔާނުގައި އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ޞިއްޙީ ޚިދުމަތްތެރިންނަކީ ވަރުބަލިކަމެއް ނެތި އަހަރުގެ ކޮންމެ ދުވަހަކު 24 ގަޑިއިރު އިންސާނީ ޤައުމީ ޚިދުމަތުގައި ތިބޭ
ބައެއްކަމުގައި ވީހިނދު، އެއްވެސް ކަހަލަ އަސާސެއް ނެތި މިފަރާތްތަކުގެ ޤާބިލިއްޔަތާމެދު ރައްޔިތުންގެ ތެރޭގައި ސުވާލު
އުފައްދައި، އިތުބާރު ގެއްލުވާލަން އެއްވެސް ފަރާތަކުން ކުރާ މަސައްކަތަކީ އަދި މުވައްޒަފުންނަށް މަލާމާތާއި ފުރައްސާރަކުރުމުގެ
ގޮތުން ކުރާ އެއްވެސް ޢަމަލަކީ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ބަލައިގަންނާނެ ކަންކަން ނޫންކަމުގައްޔާއި އަދި މިފަދަ
ޙާލަތްތަކުގައި ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ހޮސްޕިޓަލަށާއި މުވައްޒަފުންނަށް ލިބިދެވޭ އިޚްތިޔާރުތަކުގެ ދަށުން އަޅަންޖެހޭ
ފިޔަވަޅުތައް އެޅުމަށް ފަސްނުޖެހޭނެކަމުގައިވެސް އެ ހޮސްޕިޓަލުން މިއަދު އާންމުކުރި ނޫސްބަޔާނުގައި ވެއެވެ.

ހުއްދަނެތި މުވައްޒަފެއްގެ ނުވަތަ އެނޫންވެސް ފަރާތެއްގެ ފޮޓޯ ނަގައި އާއްމު ނުކުރެވޭއިރު، ހޮސްޕިޓަލްތަކުގެ ކޮންސަލްޓޭޝަން
ރޫމް ފަދަ ތަންތަނުގެ ފޮޓޯ ނެގުން ފަދަ ކަންކަމަކީވެސް، ދުނިޔޭގެ ގިނަ ހޮސްޕިޓަލްތަކުގައިވެސް މިކަން އޮންނަ އުޞޫލުން،
ޒަމާނުއްސުރެ އަބަދުވެސް މަނާކޮށްފައިވާ ކަމެއް ކަމުގައިވެސް އެ ހޮސްޕިޓަލުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ހަނދާންކޮށްދޭ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލްގެ ނޫސްބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުން މިމޭރުމުން ނޫސްބަޔާނެއް ނެރެފައިވަނީ އެ ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ ފޮޓޯއާއިއެކު މީސް މީޑިއާގައި މީހަކު ދައުރު ކުރި ވާހަކަތަކެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.