ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އެންގެވުމަކަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "އޮޕަރޭޝަން އަލިމަގު"ގެ ތެރެއިން އުތުރުގެ އަތޮޅުތަކުގައި ހިމެނޭ ރަށްރަށުން 17 ގެއެއް ބަލައި ފާސްކޮށް، 12 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި އޮޕަރޭޝަންގައި ކެނެބިސް، މެތު އަދި ހެރޮއިންކަމަށް ޝައްކުކުރެވޭ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
އޮޕަރޭޝަން "އަލިމަގު"އަކީ މަސްތުވާތަކެތީގެ ނެޓްވަރކްތައް ހޯދައި، މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ފުލުހުން ފެށްޓެވި ޚާއްސަ އޮޕަރޭޝަނެކެވެ. މިއީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ.
ނޯތު ޕޮލިސްގެ ކޮމާންޑަރ ޗީފް ސުޕްރިޓެންޑެންޓް އިބްރާހިމް ނަބީލް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން އުތުރުގެ ރަށްރަށުން 17 ގެއެއް ބަލައި ފާސްކޮށް، 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތްތައް ކަމުގައިވާ ކެނެބިސް، މެތު އަދި ހެރޮއިންކަމަށް ޝައްކުކުރެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ނަބީލް ވިދާޅުވިއެވެ.
މީގެ އިތުރުން މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން އަލިމަގުގައި ދެކުނުގެ އަތޮޅުތަކުން 13 ތަނަކާއި 4 އުޅަނދެއް ބަލައި ފާސްކޮށް، 13 މީހަކު ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. ދެކުނު އަތޮޅުތަކުގައި އޮޕަރޭޝަން ކުރިއަށްގެންދިޔައީ 11 ސަރަހައްދަކަށް އަމާޒުކޮށްގެން ކަމަށާއި، އޭގެ ތެރޭގައި އައްޑޫ ފޭދޫ، މަރަދޫ އަދި ހިތަދޫގެ އިތުރުން ގއ. ވިލިނގިލި، ގއ. މާމެންދޫ، ގއ. ކޮލަމާފުށި އަދި ގދ. ފަރެސްމާތޮޑާ ހިމެނޭކަމަށް ފުލުހުން ހާމަކުރެއްވިއެވެ.
ނަބީލް އިތުރަށް ވިދާޅުވީ، އޮޕަރޭޝަން އަލިމަގުގެ މަޤުޞަދަކީ މަސްތުވަތަކެތީގެ ވިޔަފާރިކުރާ ވިއުގަތައް ހުއްޓުވައި، މަސްތުވާތަކެތި މުޅި ދިވެހި މުޖުތަމަޢުން ނައްތާލުން ކަމަށެވެ. އަދި އެ ތަކެތި މުޖުތަމަޢުގައި ދައުރުކުރާ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނެސް، ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންގެ މުހިންމު މަޤުޞަދެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި އޮޕަރޭޝަން ކުރިއަށްގެންދިއުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާކަމަށްވެސް ނަބީލް ވިދާޅުވިއެވެ.
މި އޮޕަރޭޝަން ފެށީ 6 މަސް ދުވަހުން ފުލުހުން އެއްކޮށްފައިވާ އިންޓަލެޖެންސް މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް މިއަދު ހެނދުނު 05:30 ގައެވެ. މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ޖުމުލަ 86 ތަނެއް ބަލައި ފާސްކޮށް، 97 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަލިމަގު އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި އަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!