ދިވެހިރާއްޖޭގެ ޓްރޭޑްމާރކް ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓްރީކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް އެކުލަވާލެވިފައިވާ ބިލެކެވެ.
މި ބިލަކީ 2025 ނޮވެމްބަރ 10 ވީ ހޯމަދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. ރައީސް މުޢިއްޒު މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން، މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.
ޓްރޭޑްމާރކް ބިލުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާޙައުލެއް ޤާއިމުކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ޤާއިމްކުރުމެވެ. މި ބިލުގައި ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައަޅައި، ރަޖިސްޓްރީކުރެވޭ ޓްރޭޑްމާރކާ ގުޅިގެން ޓްރޭޑްމާރކްގެ ވެރިފަރާތްތަކަށް ލިބިދޭ ޙައްޤުތަކުގެ ދާއިރާ ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާރކެއްގެ ޙައްޤަކަށް އަރައިގަންނަ ޙާލަތެއްގައި އެޅޭނެ ޤާނޫނީ ފިޔަވަޅުތައްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން، ޓްރޭޑްމާރކްގެ ޙައްޤަކަށް އަރައިގަންނަ ޙާލަތެއްގައި އެޅޭ މަދަނީ ފިޔަވަޅުތަކާއި، ޓްރޭޑްމާރކްގެ ޙައްޤަކަށް އަރައިގަންނަ ކަމަށް ޝައްކުކުރެވޭ މުދަލެއް އިމްޕޯޓްކުރެވޭ ޙާލަތުގައި އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައިވެއެވެ. އަދި، މާރކް ކައުންޓަރފީޓްކުރުމުގެ ކުށާއި އަދަބުތައް މި ބިލުގައި ބަޔާންކޮށް، ކޯޓުތަކާއި ތަންފީޒީ އިދާރާތަކުގެ ދައުރު ވަނީ ކަނޑައަޅާފައެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާރކްތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީކުރުމަށް ހުށަހެޅުން ލާޒިމްކޮށްފައިވެއެވެ. އަދި، މި ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހާ ގަވާއިދުތައް، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 12 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!