މިދިޔަ އާދީއްތަ ދުވަހު ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި އެލް ކްލެސިކޯ މެޗްގައި، ބަދަލުކުރުމުން އަމަލުތައް ބެހެއްޓުނު ގޮތާއިމެދު ހިތާމަކޮށް ވިނީސިއަސް ޖޫނިއާ މައާފަށް އެދިއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލް އޮތީ ފަސް ޕޮއިންޓްގެ ލީޑަކާއިއެކުއެވެ.
އެ މެޗުގެ 71 ވަނަ މިނެޓުގައި ކޯޗް ޒަބީ އެލަންސޯ ވަނީ ވިނީގެ ބަދަލުގައި ރޮޑްރޮގޯ ކުޅެން ނެރެފައެވެ. ބަދަލު ބޯޑު ދެއްކުމާއިއެކު ވިނީ ވަނީ އެކަމާއި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށް، ބެންޗްގައި މަޑުނުކޮށް ޗޭންޖިން ރޫމަށް ގޮސްފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެނބުރި ބެންޗަށް އައިސްފައެވެ.
މައާފަށްއެދި ވިނީ ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނީ ރެއާލާއި އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ފަރާތުން މައާފަށް އެދިފައިވާ ކަމަށާއި އޭނާ ފަރާތުން ފެނިގެންދިޔަ ކަންތައްތަކާއިމެދު ސަޕޯޓަރުންގެ ފަރާތުން ވެސް މައާފަށް އެދޭ ކަމަށެވެ.
އެނާ އިތުރަށް ބުނީ އޭނާގެ ފަރާތުން އެފަދަ އަމަލުތަކެއް ފެނިގެން ގޮސްފައިވަނީ އޭނާއަކީ އަބަދުވެސް މޮޅުވާން ބޭނުންވާ މީހަކަށްވާތީ ކަމަށާއި އަދި އޭނާގެ ފަރާތުން ޓީމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވެފައިވާލެއް ބޮޑު ކަމުން ކަމަށެވެ.
މި ސީޒަންގައި ޒަބީ އެލަންސޯ ރެއާލުގެ ކޯޗުކަމާއި ހަވާލުވީ ފަހުން ވިނީ ބައެއް މެޗުތައް ފަށާފައި ވަނީ ބެންޗުންނެވެ. އަދި ބައެއް މެޗުތަކުގައި ބަދަލުކޮށްފައިވެސްވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!