ފުޓްބޯޅަ ދުނިޔޭގެ މުއްސަނދި ތަރި ލިއޮނެލް މެސީ، ސައޫދީ ޕްރޮފެޝަނަލް (ޕްރޯ) ލީގު ލީގުގައި ކުރު މުއްދަތަކަށް ކުޅުމަށް ހުށަހެޅި ހުށަހެޅުން ސައުދީ އަރަބިއްޔާއިން ބަލައިނުގަނެ ދޫކޮށްލާފައިވާކަމަށް އެގައުމުގެ މީޑިއާއިން ބުނެފިއެވެ.

ސައޫދީ ޢަރަބިއްޔާގެ މަހުދު ސްޕޯޓްސް އެކަޑަމީގެ ސީއީއޯ އަބްދުﷲ ހައްމާދު، ޘަމާނިއްޔާއާއެކު ކުރެއްވި ޕޮޑްކާސްޓަކާއި ހަވާލާދީ އެ ގައުމުގެ ދައުލަތު މީޑިއާއިން ބުނެފައި ވަނީ މޭޖަރ ލީގް ސޮކަރ (އެމްއެލްއެސް) ގެ ސީޒަން ހަތަރު މަސް ދުވަހަށް މެދުކެނޑޭ ދުވަސްވަރު ސައުދީ އަރަބިއްޔާގައި ކުޅުމަށް އާޖެންޓީނާގެ ތަރި މެސީގެ ފަރާތުން ހުށަހެޅުމެއް ލިބުނު ކަމަށެވެ.

Ad
rt

"ފަހުގެ ކްލަބް ވޯލްޑް ކަޕްގައި، މެސީގެ ޓީމުން އަހަރެންނާ ގުޅައި، އޭނާ ސައުދީ އަރަބިއްޔާގައި ކުޅުމަށް ހުށަހެޅި. އެއީ އެމްއެލްއެސް ގާތްގަނޑަކަށް ހަތަރު މަހަށް ހުއްޓާލާނެތީ." ހައްމާދު ވިދާޅުވެފަވެއެވެ.

މެސީ މިފަދަ ހުށަހެޅުމެއް ހުށަހެޅީ ހަރަކާތްތެރިކޮށް ހުރެ ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމަށްކަމަށް ބެލެވޭކަމަށް ވެސް އޭނާ ވިދާޅުވެފަވެއެވެ.

މެސީގެ މި ހުށަހެޅުން ކުޅިވަރު ވަޒީރަށް ފޯރުކޮށްދެވުނު ނަމަވެސް، ވަޒީރު އެކަން ބަލައިނުގަތް ކަމަށް ހައްމާދު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ސައުދީ ޕްރޮ ލީގަކީ ހަމައެކަނި އެހެން މުބާރާތްތަކަށް ތައްޔާރުވުމުގެ މަންސައެއްގެ ގޮތުގައި ބޭނުންނުކުރާނެ ކަމަށެވެ.

މި މަޝްވަރާގައި މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ތަފާތު އެޕްރޯޗްތައް ވެސް ބަލައިލާފައިވާކަމަށް ސައޫދީ މީޑިއާއިން ރިޕޯޓްކޮށްފަވެއެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ތަރިން ތެރޭގައި ހިމެނޭ މެސީ 2023 ގައި ޕެރިސް ސެއިންޓް-ޖަރމޭން ދޫކޮށްލުމަށްފަހު، ސައޫދީ އަރަބިއްޔާއަށް ބަދަލުވުމާ ގުޅޭގޮތުން ގިނަ ވާހަކަތައް ދެކެވުނު ނަމަވެސް، އޭނާ އެމެރިކާގެ އިންޓަރ މަޔާމީއާ ގުޅުމަށް ނިންމައި، ފަހުން އެ ކޮންޓްރެކްޓް 2028 އަށް ދިގުކޮށްފައިވެއެވެ.