ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން ނޭޕާލްގެ ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 16 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަރާތްތަކަކީ ބިބަސް ރާއި (24އ)، ޑެބި ތަމަންގް (39އ)، ޕްރަތިޗާ ކަރްކީ ލިމްބް (31އ) އަދި ލަކްސްމީ ޖިމީ (37އ) އެވެ. މި ހަތަރު މީހުން ދިރިއުޅެމުން އައި އެޕާޓްމަންޓް ބަލައި ފާސްކުރުމުގައި ބަނގުރާ ކަމަށް ބެލެވޭ 500 އެމްއެލްގެ ހަތަރު ފުޅިއާއި ފަސް ލީޓަރުގެ ދެ ފުޅި ވަނީ އަތުލާފައެވެ.
ދިވެހިރާއްޖޭގައި ބަނގުރަލަކީ މަނާ އެއްޗެއް ކަމަށްވެފައި، މިފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ ބިދޭސީން އާންމު އުސޫލުން ޑީޕޯޓްކުރެވެއެވެ. އެގޮތުން، މި މައްސަލައިގައި ހައްޔަރުކުރެވުނު ހަތަރު ފަރާތް ވެސް ޑީޕޯޓްކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!