ޕޯޗުގަލްގައި އާންމު ތަންތަނުގައި ނިގާބު އެޅުން މަނާކުރާ ބިލެއް އެ ގައުމުގެ ބާލަމެންޓުން ފާސްކޮށްފިއެވެ.

ހުކުރު ދުވަހު ޕޯޗުގަލްގެ ޕާލަމެންޓުން ފާސްކުރި ބިލުގެ ދަށުން، މީހުން އުޅޭ ތަންތަނުގައި މޫނު ނިވާކުރާ ހެދުން އެޅުމުން 200 ޔޫރޯއިން ފެށިގެން 4،000 ޔޫރޯ (234 އެމެރިކާ ޑޮލަރުން 4،670 އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭއިރު، މީހަކު ލައްވާ މޫނު ނިވާކުރާ ހެދުން އެޅުވުމުން 3 އަހަރާ ހަމައަށް ޖަލަށް ލެވެއެވެ.

Ad
rt

މި ބިލުގައިވާ ގޮތުން މަތިންދާބޯޓުތަކާއި، ޑިޕްލޮމެޓިކް ތަންތަނާއި، އަޅުކަން ކުރާ ތަންތަނުގައި މޫނު ނިވާކުރާ ހެދުން އެޅުން ހުއްދަ ކުރެއެވެ.

އެ ގައުމުގެ ލޯކަލް މީޑިއާތަކުގެ ރިޕޯޓުތަކުގައިވާ ގޮތުން، ޤާނޫނުއަސާސީއާ ގުޅުންހުރި މައްސަލަތަކާ ބެހޭ ޤާނޫނުތައް މުރާޖަޢާކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ޕާލިމެންޓަރީ ކޮމިޓީ އޮން ކޮންސްޓިޓިއުޝަނަލް އެފެއާޒް، ރައިޓްސް، ފްރީޑަމްސް އެންޑް ގެރެންޓީސްގައި އަދި މި ބިލާމެދު ބަހުސް ކުރާނެއެވެ.

މި ބިލު ޤާނޫނަކަށް ވެއްޖެނަމަ، ޕޯޗުގަލް ވެސް ފްރާންސް، އޮސްޓްރިއާ، ބެލްޖިއަމް އަދި ނެދަލެންޑްސް ފަދަ ޔޫރަޕުގެ ޤައުމުތަކާ އެއްފަދައިން އާންމު ތަންތަނުގައި ނިގާބު އެޅުން މަނާވާނެއެވެ. މި ޤައުމުތަކުގައި މިހާރުވެސް މޫނު ނިވާކުރާ ހެދުން އެޅުން މުޅިން ނުވަތަ ވަކި މިންވަރަކަށް މަނާކޮށްފައިވެއެވެ.

ޕޯޗުގަލްގެ ރައީސް މާސެލޯ ރެބެލޯ ޑި ސޫސާއަށް އަދިވެސް މި ބިލު ވީޓޯކުރުމުގެ ނުވަތަ ޤާނޫނުއަސާސީއާ އެއްގޮތްތޯ ބެލުމަށް ކޮންސްޓިޓިއުޝަނަލް ކޯޓަށް ފޮނުވުމުގެ ފުރުޞަތު އެބައޮތްކަމަށް އެ ގައުމުގެ މީޑިއާއިން ބުނެއެވެ.

ހުކުރު ދުވަހުގެ ޕާލަމެންޓް ޖަލްސާގައި ޗެގާގެ ލީޑަރު އަންޑްރޭ ވެންޓޫރާއަށް ވަނީ މި ބިލާ ދެކޮޅަށް ވަކާލާތުކުރި ބައެއް ޕާޓީތަކުގެ އަންހެން މެންބަރުންނާއި ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް މެދުމިނުގެ ކޯލިޝަންގެ ތާއީދާ އެކުގައި އެ ޕާޓީން ލީޑްކުރި މި ބިލު ވަނީ ފާސްކޮށްފައެވެ.

ލޯކަލް މީޑިއާތަކުގެ ރިޕޯޓުތަކުގައިވާ ގޮތުން، ޕާލަމެންޓުގައި ހިމެނޭ 10 ޕާޓީގެ ތެރެއިން 2 ޕާޓީ (ޕީޕަލްސް-އެނިމަލްސް-ނޭޗަރ ޕާޓީ އާއި ޓުގެދަރ ފޯ ދަ ޕީޕަލް ޕާޓީ)ގެ މެމްބަރުން މި ބަލަށް ވޯޓެއް ނުދެއެވެ. މި ޕާޓީތަކުން ބުނެފައިވަނީ މި ހުށަހެޅުމަކީ ތަފާތުކުރުން އިތުރުކުރާނެ ކަމެއް ކަމަށެވެ.

ޔޫރަޕުގައި މުސްލިމް އަންހެނުންގެ ތެރެއިން ވަރަށް މަދު ބަޔަކު މޫނު ނިވާކުރެއެވެ. އަދި ޕޯޗުގަލްގައި މިފަދަ ހެދުން އެޅުން ވަރަށް މަދެވެ. ނަމަވެސް ނިޤާބު އަދި ބުރުގާ ފަދަ މުޅި މޫނު ނިވާކުރާ ހެދުމަކީ ޔޫރަޕުގައި ވަރަށް ބޮޑަށް ދެބަސްވެވޭ މައްސަލައެކެވެ. އަދި މިފަދަ ގާނޫނުތައް އެ ގައުމުތަކުގައި ފާސްކުރަމުން އަންނަނީ މުސްލިމް އަންހެނުންނަށް އަމާޒުކޮށްކަން ފާހަގަކުރެވެއެވެ.

ޔޫރަޕްގައި އިސްލާމްދީން ފެތުރުން ހަލުވިވެފައިވާތީ، ކްރިސްޓިއަން މެޖޯރިޓީ އޮންނަ މި ގައުމުތަކުން އަންނަނީ ކަންބޮޑުވެ، އެކަމާއި ދެކޮޅަށް ކެމްޕޭންތައް ވެސް ހިންގަމުންނެވެ.

އިސްލާމްދީނަކީ އެންމެ މަތިވެރި، އެންމެ މާތް ދީނެވެ. އަދި މާތްﷲގެ ހަޟުރަތުގައި ހަމައެކަނި ގަބޫލުވެވިގެންވާ ދީނަކީ ވެސް އިސްލާމް ދީނެވެ.