ހއ. ވަށަފަރުގައި ވޮލީކޯޓެއް ތަރައްޤީކުރުމުުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މިގޮތުން މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މުޙައްމަދު ފަޔާޒް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އެވެ.
މި ރަސްމިއްޔާތުގައި ކެލާ ދާއިރާގެ މަޖިލީސް މެންބަރު އަބްދުالله ޝަރީފް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކުރުމާއި ގުޅިގެން އެމްޕީ އަބްދުالله ޝަރީފް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްޓީސީސީ އާއި ހަވާލުކުރެވުނު މި ވޮލީކޯޓަކީ ވަށަފަރުގެ ޒުވާނުންނަށް ޚާއްސަކޮށްގެން، ޒުވާން ކަނބަލުންގެ އުންމީދާއި ގުޅިފައިވާ ކޯޓެއް ކަމަށެވެ.
އެގޮތުން މި މަޝްރޫޢުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށް މަސައްކަތް ފައްޓަވައިދެއްވާފައިވާތީ އަބްދުالله ޝަރީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށާއި، ވަޒީރު އަބްދުالله ރާފިޢު އަށް ޝުކުރު ދަންނަވާފައެވެ.
މި މަޝްރޫޢުއާއެކު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވަނީ އިތުރު 8 ރަށެއްގެ މަޝްރޫޢުތައް އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. އެ ރަށްތަކާއި މަޝްރޫޢު ތަކަކީ ލ. މާވަށުގައި އެފް.އާރް.ސީ ތަރައްގީކުރުމަށާއި، ލ. ފޮނަދޫގައި ފުޓްސަލް ދަނޑެއް އެޅުމަށާއި، ލ. ހިތަދޫގައި ވޮލީކޯޓެއް އެޅުމަށާއި، ކ. މާފުށީގައި އެފް.އާރު.ސީ ތަރައްގީކުރުމަށާއި، ކ. ދިއްފުށީގައި އެފް.އާރު.ސީ ތަރައްގީކުރުމަށާއި، ކ. ތުލުސްދޫގައި އެފް.އާރު.ސީ ތަރައްގީކުރުމަށާއި، ކ. ހިންމަފުށީގައި އެފް.އާރު.ސީ ތަރައްގީކުރުމަށާއި އަދި ކ. ހުރާގައި އެފް.އާރު.ސީ ތަރައްގީކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!