އއ. ރަސްދޫއަށް ދަތުރުކުރަމުން ދިޔަ "ސްކޫބާ" ނަމަކަށް ކިޔާ ޑައިވިން ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށް ގޮސް، އެ ދޯނީގެ ބައެއް ބައިތަކާއި ތަކެތި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި މި ޑައިވިން ދޯނި އަޑިއަށް ގޮސްފައިވަނީ އަލިހުރަސް ކަނޑުން 12 ނޯޓިކަލް މޭލު އިރުމައްޗަށެވެ. އަދި ދޯނީގެ ބައެއް ބައިތަކާއި ތަކެތި އަލިހުރަސް ކަނޑުތެރެއަށް، ރަސްދޫގެ އިރުމައްޗަށް ވާގޮތަށް އޮޔާދާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.

Ad
rt

"އެހެންކަމުން، އަލިހުރަސް ކަނޑާއި އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން، ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަން،"

އެމްއެންޑީއެފުން ބުންޏެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް ޖުމްލަ ގޮތެއްގައި މޫސުން ގޯސް ދުވަސްވަރަކަށް ވެފައި، ވައިބާރުވެ، ކަނޑުތައް ވެސް ގަދަވެފައިވާ ދުވަސްވަރެކެވެ.

އެހެންކަމުން ކަނޑު ދަތުރުކުރުމުގައި އިތުރަށް ސަމާލުވުމަކީ މުހިންމު ކަމެއް ކަމަށް އެމްއެންޑީއެފުން ވަނީ އިތުރަށް ފާހަގަކޮށްފައެވެ.