މާލޭގެ ހުރިހާ މަގުތަކެއް އަލުން ހެދުމަށް 462 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ފަށައިފިއެވެ.

"މާލޭ ސިޓީ ސްޓްރީޓް ކޭޕިން ޕްރޮޖެކްޓް" އިފްތިތާހު ކުރުމަށް ވެސްޓް ޕާކް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ.

Ad
rt

މިރަސްމިއްޔާތުގައީ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއު ނިމޭއިރު ޒަމާނީ ބައްތިތަކާއެކު ކެމެރާތައް ހަރުކުރެވޭނެ ކަމަށެވެ. އަދި އިތުރަށް ވިދާޅުވި އެ މަޝްރޫރުގެ ދަށުން މާލޭގެ މަގުތައް ހަދަމުންދާއިރު، ކޮންސްޓްރަކްޝަން ތަންތަނުން ފެން ބޭރުކުރާ ހޮޅިތައް އެތެރެއަށް ލެވިގެންދާނެ ކަމަށާއި ފެން ހިންދާ ނިޒާމު އިތުރަށް ރަނގަޅުކޮށް ފެންބޮޑުވުމުން ރައްޔިތުންނަށް ދިމާވާ ގެއްލުންތަކުން ސަލާމަތްވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ މާލެއަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ޕާކު ކުރުމުގެ މައްސަލަ ކަމަށާއި މަގުތައް އަލުން ހަދާ ނިމޭއިރުގައި ޕާކު ކުރެވޭ ނިސްބަތް ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި ޕާކިން ބިލްޑިންގު ތަކާއި ސަރަހައްދުތައް ވެސް އެ މަޝްރޫއުއާ އެކުގައި ހެދިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. ހުރިހާ މަގެއްގައިވެސް ޕޭމަންޓް ހިމެނޭނެ ކަމަށާއި، ދުވާރު ނެތް މަގުތަކުގައިވެސް 18 އިންޗީގެ ދުވާރެއް ލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މަގުތައް ފަރުމާ ކުރެވޭނީ މަގު ބައްތިތަކާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަ ގޮތަށް ކަމަށާއި، މުޅިން އާ ކެމެރާ ސިސްޓަމެއް މަގުތަކުގަިއ ބެހެއްޓޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މަސައްކަތް ނިންމާލުމަށް މާލެސިޓީން ވިސްނާފައި އޮތީ ދެ އަހަރު ދުވަހުންނެވެ. މަސައްކަތް ކުރަނީ އެމްއާރްޑީސީއާ ގުޅިގެންނެވެ. ސިޓީ ކައުންސިލުން ބުނީ މި ޕްރޮޖެކްޓް ޑިޒައިން ކުރެވުނީ މާލޭގެ މަޖިލިސް މެމްބަރުންނާ މަޝްވަރާކުރެވި، ޕްލޭނިން މިނިސްޓްރީ އާއި ސިޓީ ކައުންސިލް ގުޅިގެންނެވެ.

މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް މިދިޔަ ސަރުކާރުން ކުރިޔަށް ގެންދިޔަ ބޮޑު މަޝްރޫއުއެއް 1 އޮކްޓޫބަރ 2016 ގައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެ މަޝްރޫއުގެ ދަށުން 13 މަގެއް ހެދިއެވެ. އޭގެ ތެރޭގައި ހިމެނެނީ މަޖީދީ މަގާއި އަމީނީ މަގު، އަމީރު އަހްމަދު މަގު، ޗާންދަނީ މަގު، އޯކިޑު މަގު، ލޮނުޒިޔާރަތް މަގު، ހަވީރީ ހިނގުން އަދި ހަނދުވަރީ ހިނގުން، އިއްޒުއްދީން މަގު، ކަނބާ އައިސާރަނި ހިނގުމުގެ އިތުރުން ބުރުޒު މަގެވެ.

އެ މަސައްކަތަށް ކުރިއަށް ގެންދިޔައީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށް ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންނެވެ.