ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިލާ (ޖީއެސްއެފް) އާ ކައިރިވި ގޮތް ނޭނގޭ އުޅަނދުތައް މިހާރު ވަނީ އެ ސަރަހައްދުން ދުރުވެފައިވާ ކަމަށް ފްލޮޓިލާ އިންތިޒާމުކުރާ ފަރާތްތަކުން ބުނެފިއެވެ.

މި އުޅަނދުތައް ދުރުވެފައިވަނީ ފްލޮޓިލާގައި ހިމެނޭ އެތައް އުޅަނދުފަހަރަކާ ގާތްވެ، އޭގެ ތެރެއިން ބައެއް އުޅަނދުތަކުގެ ބައްތިތައް ނިއްވާލާފައިވާ ހާލަތެއްގައެވެ.

Ad
rt

ފްލޮޓިލާ އިންތިޒާމުކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގިނަ އަދަދެއްގެ އުޅަނދުފަހަރަށް "ނޭނގޭ އުޅަނދުތަކެއް" ގާތްވެފައިވާ ކަމަށާއި، މި ހާލަތުގައި އިޒްރޭލުގެ ބާރުތަކުން އެ އުޅަނދުތައް ހުއްޓުވުމުގެ އިހްތިމާލަށް ތައްޔާރުވުމުގެ ގޮތުން ސަލާމަތީ ޕްރޮޓޮކޯލްތައް ބޭނުންކޮށްފައިވާ ކަމަށެވެ.

ޖީއެސްއެފް އިން އިތުރަށް ހާމަކުރި ގޮތުގައި، މިވަގުތުވެސް އެމީހުން ދަތުރުކުރަމުން މިދަނީ ޣައްޒާއާ ދިމާއަށެވެ. މިހާރު ވަނީ ޣައްޒާއިން 120 ނޯޓިކަލް މޭލު (222 ކިލޯމީޓަރު) ހިސާބާ ކައިރިވެފައެވެ. މިއީ ކުރީގެ ފްލޮޓިލާތައް ހުއްޓުވާފައިވާ ނުވަތަ ހަމަލާދީފައިވާ ސަރަހައްދާ ކައިރި ހިސާބެކެވެ. ބުދަ ދުވަހުގެ ހެނދުނު 3 ޖަހާއިރު (ގްރީންވިޗް މީން ޓައިމްއިން 0003 ގައި)، ފްލޮޓިލާ ވަނީ ޣައްޒާއިން 150 ނޯޓިކަލް މޭލު (278 ކިލޯމީޓަރު) ދުރަށް ގޮސްފައެވެ. މި ހިސާބަކީ "ނުރައްކާތެރި ސަރަހައްދު" ގެ ގޮތުގައި ބެލެވޭ ސަރަހައްދެކެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާގައި މިވަގުތު 497 މީހުން 44 އުޅަނދުގައި ދަތުރުކުރަމުންދާއިރު، އިތުރު އެއް އުޅަނދު ފްލޮޓިލާއާ ގުޅުމުގެ މަސައްކަތް ކުރަމުންދެއެވެ. މި 45 އުޅަނދުގެ ތެރެއިން "ޝިރީން" އާއި "ސަމަރޓައިމް" މި ދެ އުޅަނދަކީ އޮބްޒާވަރުންނާއި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭ އުޅަނދުތަކެކެވެ. މި ދެ އުޅަނދު "އޮރެންޖް ޒޯން" އަށް ވަނުމުން ފްލޮޓިލާއިން ވަކިވާނެއެވެ.

ފްލޮޓިލާގެ ފަޅުވެރިންގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސްފައިވާ މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ތިމާވެށީގެ ހައްގުތައް ގޮވާލާ އެކްޓިވިސްޓް ގްރެޓާ ތުންބަރގް، މިހާރު ޕާލިމަންޓުގައި ތިބި ބައެއް މެންބަރުން އަދި ނެލްސަން މަންޑޭލާގެ ކާފަދަރިކަުން ންކޯސީ ޒްވެލިވެލިލެ މަންޑޭލާ ހިމެނެއެވެ.

މި ފްލޮޓިލާގެ އެންމެ ބޮޑު މަޤްސަދަކީ އިޒްރޭލުން ޣައްޒާއަށް އަޅާފައިވާ ގޮނޑުދޮށުގެ ކޮންޓްރޯލް ނައްތާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބާރު އެޅުމާއި، އެ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ކާރިސާއަށް އެހީތެރިވުމެވެ.