ފެނަކަ ކޯޕަރޭޝަންގެ އޮޑިޓު ރިޕޯޓަކީ ސަރުކާރުން ސިޔާސީ ބޭނުމަކަށް ނެރުނު ރިޕޯޓެއް ކަމަށާއި، އެއީ 3 އޮކްޓޯބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ލޫޓުވައިފި" އެއްވުމަށް ލިބެމުންދާ ތަރުހީބު ފެނި ސަރުކާރަށް ގޮތްހުސްވެގެން ނެރުނު ރިޕޯޓެއް ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރޭގަނޑު ދަންވަރު ވަގުތެއްގައި މިނިވަން މުއައްސަސާއެއްގެ އޮފީސް ހުޅުވައިގެން ސިޔާސީ ބަޔަކު ލިޔެފައިވާ އޮޑިޓު ރިޕޯޓެއް ޝާއިޢުކުރުމަކީ އެ ޕާޓީން ކުށްވެރިކުރާ ކަމެކެވެ. އަދި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ސައްހަ މަޢުލޫމާތުތަކެއްތޯ ކަށަވަރުކުރުމުގެ މަސައްކަތް އެމްޑީޕީން ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
އެމްޑީޕީން ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވުމަށްފަހު ދައުލަތުގެ ހުރިހާ ބާރެއް އެމަނިކުފާނުގެ މުށުތެރެއަށް ނަންގަވާފައިވާ ކަމަށާއި، އޮޑިޓަރ ޖެނެރަލް އިބްރާހިމް ނިޔާޒީއަށް މަޤާމުން ވަކިކުރާނެ ކަމުގެ ބިރުދައްކައިގެން ސަރުކާރުން ބޭނުންވާ ގޮތަށް ރިޕޯޓުތައް ނެރެމުންދާ ކަމަށް ބުނެފައިވެއެވެ.
"މިފަދަ ރިޕޯޓެއް ނެރުނުއިރު އެ ކަމުގައި ޝާމިލުވާ މީހުންނާއި ކުންފުނިތަކާ އެއްވެސް ސުވާލެއް ކުރުމެއް ނެތި މި ރިޕޯޓު އާންމުކުރުމަކީ މިއީ ސިޔާސީ ބޭނުމެއްގައި ނެރެފައިވާ ރިޕޯޓެއްކަން ސާބިތުވާ ކަމެކެވެ،"
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަންނަ ހުކުރު ދުވަހު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދިވެހި ރައްޔިތުން މަގުމައްޗަށް ނުކުންނާނެ ކަމުގެ ޔަގީންކަން އެމްޑީޕީއަށް އޮތް ކަމަށް ބުނެފައިވެއެވެ. އަދި ސަރުކާރުން ސިޔާސީ ރިޕޯޓުތައް ނެރެ، ސިޔާސީ ހުކުމްތައް ކުރަމުންދިޔަ ނަމަވެސް، އެއްވުން ކުރިއަށްދާނެ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރި ގޮތުގައި، 2021 އިން 2023 އަށް ފެނަކަ ކޯޕަރޭޝަނުން ކުރި 2.2 ބިލިއަން ރުފިޔާގެ މުޢާމަލާތްތަކުގެ ތެރެއިން، 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާންމު އުސޫލުތަކާއި ޚިލާފަށް، އާންމުކޮށް އިޢުލާނު ނުކޮށެވެ.
ޚާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މި މުއްދަތުގައި ވެފައިވާ 673 އެއްބަސްވުމުގެ ތެރެއިން 65 ޕަސެންޓް (438 އެއްބަސްވުން) ހަދާފައިވަނީ ވާދަވެރި ބީލަމަކާ ނުލައެވެ. މި އެއްބަސްވުންތައް ހަދާފައިވަނީ މަދު ފަރާތްތަކަކުން އަގު ހޯދައި، ފެނަކައިގެ ޑައިރެކްޓް ޕާޗޭސް ކޮމިޓީން ނިންމާ ގޮތަކަށެވެ.
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް މިއަދުވަނީ ކޯޓުން ހުކުމްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!