ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްޢާއްމު ނުފެންނަކަމަށް ހަދައިގެން ބޮޑެތި ޤައުމުތަކުން އެކަމަށް ވާގިވެރިވެގެން ތިބި ތިބުމަކީ ޤަރުނުގެ އެންމެ ބޮޑު ލަދުކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ ޤަތުލްޢާންމަށް ވާގިވެރިވެދީ، ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދެމުންދަނީ، އިންސާނީ ޙައްގުތަކަށްޓަކައި އެންމެ ބޮޑަށް ވަކާލާތުކުރާކަމަށް ދަޢުވާކުރާ ޤައުމުތަކުންކަމަށެވެ.
"ފަލަސްޠީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ޢަމަލުތަކަށް ވާގިދެނީ ބައިނަލްއަޤުވާމީ އިންސާފުގެ ނިޒާމު ބިނާކުރި ޤައުމުތަކުން. ޤަރުނުގެ އެންމެ ބޮޑު ލަދު، އެއީ ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުޢާމު ނުފެނި ތިބި ތިބުން"
ވަޒީރު ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ އިންސާފާއި އަދާލަތުގެ ކުރިމައްޗަށް އިސްރާއީލު ގެނައުމުގައި އދ.އާއި ދުނިޔޭގެ ބާރުތައް ނުކުޅެދިފައިވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހަމަތައް ތަންފީޒުކުރުމުގައި ޤައުމުތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ ސަބަބުން، މުޅި ނިޒާމަށް ޤައުމުތަކުން ކުރާ އިތުބާރު ގެއްލުމުގެ ބިރު ބޮޑުވެފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖެއިން ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑު ބަދަލުކޮށް، ވީޓޯ ކުރުމުގެ ބާރު ވަކި ޤައުމުތަކަށް އޮންނަ ނިޒާމު އުވާލުމަށް ގޮވާލާފައެވެ. އަދި ތިމާވެށީގެ ދާއިރާއިން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ތަރައްޤީއަށް ބޭރުން ނަގާ ދަރަންޏަށް ލުއި ނުލިބި ދިމާވެފައިވާ ދަތިތަކުގެ ވާހަކަވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!