ޓިކްޓޮކްގައި މަޝްހޫރު އައިމިނަތު ފޭޒްލީން (ފޭޒް) ދޫކޮށްލާނީ 10 ގަޑިއިރު ތެރޭގައި 10،000ރ. ކަފާލާތުގެ ގޮތުގައި ކޯޓަށް ދެއްކުމުން ކަން ކޯޓުން ކަނޑައަޅައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، 49 އަހަރުގެ ފޭޒްލީން ހައްޔަރުކޮށްފައިވަނީ އޭނާގެ އުފަން ރަށް، ގދ. ތިނަދޫގައި ގެއަކަށް ވަދެ އިންޒާރު ދިން މައްސަލައިގައެވެ.

Ad
rt

ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ނިންމާފައިވަނީ 10 ގަޑިއިރު ތެރޭގައި 10،000 ރުފިޔާ ދެއްކުމުން ބަންދުން ދޫކޮށްލުމަށެވެ. ނަމަވެސް މި މުއްދަތުގައި ކަފާލާތުގެ ފައިސާ ނުދައްކައިފިނަމަ، 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވެސް ކޯޓުން ވަނީ ނިންމާފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި ފޭޒްލީން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ 11:38 ހާއިރު، ތިނަދޫގެ ގެއަކަށް ހުއްދަ ނެތި ވަދެ، އެ ގޭގައި ތިބި ކުޑަކުދިންތަކަކަށް ހުތުރު ބަހުން ޒުވާބުކޮށް، މާރާމާރީ ހިންގައި އިންޒާރު ދިން މައްސަލައެއްގައެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.

މިދިޔަ އަހަރު ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގެނެވުނު އިސްލާހާ އެކު، ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރަމުންދާ މީހުންނަށް ވެސް އިސްތިއުނާފް މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ދޫވެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ކަފާލާތަކީ ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ ދަށުން ނުވަތަ ކޯޓުން ކަނޑައަޅާ އަދަދަކަށް ކޯޓުގައި ފައިސާ ބެހެއްޓުމަށްފަހު ބަންދުން ދޫކުރާ އުސޫލެކެވެ.

ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވުނު ނަމަވެސް، ފުރުން މަނާކުރުމާއި، ކޯޓުން އަންގާ ގަޑިއަކަށް ހާޒިރުވުމާއި، މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކާ މުއާމަލާތު ނުކުރުން ފަދަ ޝަރުތުތައް ކުރެވިދާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.