އދ. ގެ އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ތެދުވުމާއެކު، ޣާއްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ހަނގުރާމައާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ގިނަ ޤައުމުތަކެއްގެ މަންދޫބުން މަޖިލިސް ދޫކޮށް މާލަމުން ނުކުމެއްޖެއެވެ.
މި ގައުމުތައް މާލަން ދޫކޮށް ނުކުތީ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހަނގުރާމައިގައި އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ނަތަންޔާހޫ، އދ. ގެ މަޖިލީހުގެ ޕޯޑިއަމް ކައިރީ ހުއްޓި ވާހަކަ ދައްކަން ފެށުމުންނެވެ. އޭނާގެ ވާހަކަ އަޑުއެހުމަށް މަދު ބަޔަކު ނޫނީ މަޖިލީހުގައި ނެތް ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މިކަމުން ދައްކައިދެނީ ފަލަސްތީނު މައްސަލައިގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތެރޭގައި އިސްރާއީލަށް އޮތް ތާއީދު ކުޑަވެފައިވާ މިންވަރެވެ.
މި ދުވަސްވަރު، އދ. ގެ މައި މަރުކަޒާ ކައިރީގައިވާ ނިއުޔޯކްގެ ޓައިމްސް ސްކުއަރގައިވެސް ވަނީ އިސްރާއީލާއި ދެކޮޅު ބޮޑު މުޒާހަރާއެއް ކުރިއަށް ގޮސްފައެވެ. ނަތަންޔާހޫ އދ. ގެ އާންމު ބައްދަލުވުގައި ވާހަކަ ދެއްކުމާ ދެކޮޅަށް އެތައް ހާސް މީހުން މި މުޒާހަރާގައި ބައިވެރިވެފައިވެއެވެ. އެމެރިކާގެ އެކި ސްޓޭޓްތަކުން އައި މީހުން ބައިވެރިވި މި މުޒާހަރާގައި ޣާއްޒާގައި ހިންގާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށާއި، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހިންގާ ހަމަލާތައް ހުއްޓުވުމަށް ގޮވާލިއެވެ. މުޒާހަރާގައި ބައިވެރިވި މީހުން ފަލަސްތީނުގެ ދިދަ ހިފައިގެން ތިބިއިރު، ޣާއްޒާގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ހަނގުރާމަ ހުއްޓުވުމަށް ގޮވާލާ ބެނާތައްވެސް ފެނިގެން ދިޔައެވެ.
ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން (އައި.ސީ.ސީ) ވަނީ ނަތަންޔާހޫގެ މައްޗަށް ޣާއްޒާގައި "ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ކުށްތައް" ހިންގުމުގެ ދަޢުވާ އުފުލާފައެވެ. މިކަމާ ގުޅިގެން އޭނާ އދ. ގެ މަޖިލީހުގައި ވާހަކަ ދައްކަން ފެށުމާއެކު، ގިނަ ޤައުމުތަކުގެ މަންދޫބުން މަޖިލިސް ދޫކޮށް ދިއުމަކީ، މިކުށްތަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގެންފައިވާކަމުގެ ހެއްކެކެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންއަންނަ ލާއިންސާނީ ހަނގުރާމައިގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 65،549 މީހުން ޝަހީދުވެ، 167،518 މީހުން ޒަހަމްވެފައިވާއިރު، އިތުރު އެތައް ހާސް ބަޔަކު ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައިވާކަމަށް ވަނީ ބެލެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!