އިސްރާއީލްގެ ދިފާޢީ ވުޒާރާ، އިސްރާއީލްގެ މިނިސްޓްރީ އޮފް ޑިފެންސް (އައިއެމްއޯޑީ) ގެ ޔުނިޓަކުން ބޭނުންކުރަމުންދިޔަ ކްލައުޑް އަދި އޭ.އައި ޚިދުމަތްތަކެއް ހުއްޓާލާފައިވާ ބުރާސްފަތި ދުވަހު މައިކްރޮސޮފްޓުން ބުނެފިއެވެ.
މައިކްރޯސޮފްޓުން މި ނިންމުން ނިންމާފައި ވަނީ ޣައްޒާ އަދި ވެސްޓް ބޭންކްގައި ސަރވައިލަންސް ސިސްޓަމެއް ބޭނުންކުރާކަމަށް މީޑިއާ ރިޕޯޓުތައް ބުނާ މައުލޫމާތުތަކަށް ތާއީދުކުރާ ހެކިތަކެއް އެ ކުންފުނިން ހިންގި އެތެރޭގެ ތަޙްޤީޤަކުން ފެނުމާއި ގުޅިގެންނެވެ.
މައިކްރޮސޮފްޓްގެ ރައީސް ބްރެޑް ސްމިތް ވިދާޅުވެފައިވަނީ، އިޒްރޭލްގެ ދިފާޢީ ބާރުތަކުގެ ޔުނިޓަކުން ކުރާ ކަންތައްތަކެއްގެ ތުހުމަތު ދަ ގާޑިއަން ނޫހުން ކޮށްފައިވާ އާޓިކަލަކާ ގުޅިގެން، އެ ކުންފުނިން ތަޙްޤީޤު ފަށާފައިވާ ކަމަށެވެ.
އޮގަސްޓް މަހުގެ ކުރީކޮޅު ދަ ގާޑިއަން، އިޒްރޭލް-ފަލަސްތީނުގެ ޕަބްލިކޭޝަން +972 މެގަޒިން އަދި ހިބްރޫ ބަހުން ނެރޭ ލޯކަލް ކޯލްއާ ގުޅިގެން ހެދި ތަޙްޤީޤަކުން ރިޕޯޓުކޮށްފައިވަނީ، އިޒްރޭލްގެ އަސްކަރީ ސަރވައިލަންސް އެޖެންސީއަކުން މައިކްރޮސޮފްޓްގެ އެޒިޔުއަރ (Azure) ބޭނުންކޮށްގެން، އިޒްރޭލުން ހިފާފައިވާ ވެސްޓް ބޭންކް އަދި ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ މޯބައިލް ފޯނު ކޯލު ރެކޯޑުތައް ގިނަ އަދަދަކަށް ރައްކާކޮށްފައިވާ ކަމަށެވެ. ދަ ގާޑިއަންގެ ތަޙްޤީޤުގައި ބުނެފައިވަނީ، ފަލަސްތީނު ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ސަރވައިލަންސް ހެދުމަށް އިޒްރޭލުން ބަރޯސާކުރަނީ މައިކްރޮސޮފްޓްގެ ކްލައުޑް ޚިދުމަތްތަކަށް ކަމަށެވެ.
ތަޙްޤީޤު ކުރިއަށްދަނިކޮށްވެސް، މައިކްރޮސޮފްޓުން ބުނެފައިވަނީ ދަ ގާޑިއަންގެ ރިޕޯޓުގައި ހިމެނޭ ބައެއް މައުލޫމާތުތަކަށް ތާއީދުކުރާ ހެކިތަކެއް ފެނިފައިވާ ކަމަށެވެ. މިގޮތުން ނެދަލެންޑްސްގައިވާ އެޒިޔުއަރ ސްޓޯރޭޖް ކެޕޭސިޓީ އާއި އޭ.އައި. ޚިދުމަތްތައް އައިއެމްއޯޑީ އިން ބޭނުންކުރާ ގޮތުގެ ތަފްސީލުތައް ހިމެނެއެވެ.
"ޢާންމު ރައްޔިތުންނަށް ބޮޑު ދާއިރާއެއްގައި ސަރވައިލަންސް ހެދުމަށް ފަސޭހަވާނެ އެއްވެސް ޓެކްނޮލޮޖީއެއް އަޅުގަނޑުމެން ފޯރުކޮށެއް ނުދެމެވެ." މައިކްރޮސޮފްޓްގެ ބްލޮގެއްގައި ސްމިތް ވިދާޅުވެފަވެއެވެ.
މައިކްރޮސޮފްޓުން ވަނީ އިޒްރޭލްގެ ދިފާޢީ ވުޒާރާއަށް "އައިއެމްއޯޑީ'' ގެ ވަކިވަކި ޚިދުމަތްތަކާއި އެތަކެތީގެ ސަބްސްކްރިޕްޝަންތައް ހުއްޓާލުމުގެ ނިންމުމަށް އަންގާފައެވެ. މީގެ ތެރޭގައި އެމީހުން ވަކި ކްލައުޑް ސްޓޯރޭޖް އަދި އޭ.އައި. ޚިދުމަތްތަކާއި ޓެކްނޮލޮޖީތައް ބޭނުންކުރުން ހިމެނެއެވެ.
ސްމިތް ވިދާޅުވި ގޮތުގައި މި ފިޔަވަޅުގެ ސަބަބުން އިޒްރޭލާއި މެދުއިރުމަތީގެ އެހެން ގައުމުތަކަށް މައިކްރޮސޮފްޓުން ދެމުންދާ ސައިބަރ ސެކިއުރިޓީ ޚިދުމަތްތަކަށް އަސަރެއް ނުކުރާނެއެވެ.
އޮގަސްޓް މަހުގެ ފަހުކޮޅު، ޣައްޒާ ހަނގުރާމަ ކުރިއަށްދާތީ، އިޒްރޭލާ ގުޅުންހުރި ކުންފުނީގެ ސިޔާސަތުތަކާ ދެކޮޅަށް ކުންފުނީގެ ގޯތިތެރޭގައި މުޒާހަރާގައި ބައިވެރިވި ހަތަރު މުވައްޒަފަކު މައިކްރޮސޮފްޓުން ވަޒީފާއިން ވަކިކޮށްފައިވެއެވެ. މީގެ ތެރޭގައި ކުންފުނީގެ ރައީސްގެ އޮފީހުގައި ސިޓް-އިން މުޒާހަރާއެއްގައި ބައިވެރިވި ދެ މުވައްޒަފަކުވެސް ހިމެނެއެވެ.
މައިކްރޮސޮފްޓުން ބުނެފައިވަނީ މި މުވައްޒަފުން ވަޒީފާއިން ވަކިކުރެވިފައިވަނީ ކުންފުނީގެ ސިޔާސަތުތަކާ ސީދާ ދެކޮޅު ހެދި ބޮޑެތި ކަންކަމެއްގެ ސަބަބުން ކަމަށާއި، އަދި އެތަނުގައި ކުރި މުޒާހަރާތަކުގެ ސަބަބުން ސަލާމަތީ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!