ހުޅުމާލެ ފޭސް 2ގެ ހިޔާ ފްލެޓް 3 ކައިރީގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާނާއި، އަމިން އެވެނިއު ކައިރިން ދުއްވާފައިދިޔަ ކާރެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ނިއްވާލައިފައެވެ.

އެމްއެންޑީއެފް އިން ބުނީ، ހިޔާ ފްލެޓް 3 ކައިރީގައި ހުރި ކުނިތަކުގައި ރޯވި އަލިފާނުގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސަށް ލިބިފައިވަނީ ރޭ ދަންވަރު 02:57 ހާއިރުކަމަށެވެ. މައުލޫމާތު ލިބުމާއެކު ވަގުތުން އެ ސަރަހައްދަށް ދިޔަ ފަޔަރ ފައިޓަރުން ވަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

Ad
rt

މީގެ އިތުރުން ރޭ 22:48 ހާއިރު ހުޅުމާލޭ އަމިން އެވެނިއު ކައިރިން ދުއްވާފައިދިޔަ ކާރެއްގައި ރޯވި އަލިފާނުގެ މައުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ. މި އަލިފާންގަނޑު ނިއްވާލެވިފައިވަނީ 23:18 ހާއިރުއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވާގޮތުގައި މި ދެ ހާދިސާގައިވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

މި ދެ ހާދިސާގައި އަލިފާން ރޯވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރިއަށްދާކަން ފާހަގަކުރެވެއެވެ.