ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ދެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

Ad
rt

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ހަރަކާތްތައް ބެލުމަށް މިހާރު ކުރިއަށްދާ ގައުމީ އޮޕަރޭޝަންގެ ތެރެއިންނެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެންނެވެ. މި އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރެވުނު ދެ މީހުންނަކީ 37 އަހަރުގެ އެމްޑީ ޝަމިމް މިއާ އާއި 22 އަހަރުގެ އަލައުއްދީން އެވެ.

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން، ގިނަ އަދަދެއްގެ ސިނގިރެޓާއި ދުންފަތް ޕެކެޓު އަދި މި ތަކެތި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ދިވެހި ރުފިޔާއާއި ޑޮލަރު ވަނީ ފެނިފައެވެ.

މި އޮޕަރޭޝަނުގައި 13 ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނުގެ 3 އޮފިސަރަކާއި މޯލްޑިވްސް ކަސްޓަމް ސާވިސްގެ 3 އޮފިސަރަކު ބައިވެރިވިއެވެ. އަދި ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަން ފުރަތަމަ ފެށިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު މާލެ ސަރަހައްދުގައެވެ.

މި އޮޕަރޭޝަންގެ ތެރެއިން ގާނޫނާ ހިލާފަށް ބިދޭސީންނަށް ވިޔަފާރިކުރަން އެހީތެރިކަން ފޯރުކޮށްދޭ ދިވެހިން ހޯދައި ފިޔަވަޅު އެޅުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މި މައްސަލަ މިހާރު ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.