އިންޑޮނޭޝިއާއިން އިސްތިޢުމާރުގެ ވޭންދަންނަކަމަށާއި، މިނިވަން ފަލަސްތީނެއް އޮންނަންޖެހޭނެކަމަށް އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންތޯ ވިދާޅުވެއްޖެއެވެ.
އދ.ގެ އާންމު މަޖިލީހުގައި ބުރާސްފަތި ދުވަހު ތަގްރީރުކުރަށްވައިމުން ރައީސް ޕްރަބޯވޯ ވަނީ ޣައްޒާ ނުވަތަ ސުލްޙަ ބޭނުންވާ ކޮންމެ ތަނަކަށް 20،000 ސުލްޙަ ބަލަހައްޓާ ސިފައިން ފޮނުވުމަށް އިންޑޮނޭޝިއާ ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.
އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޕްރަބޯވޯ އަލިއަޅުވާލެއްވީ އިންޑޮނޭޝިއާގެ ތާރީޚާއި، ޚާއްޞަކޮށް އިސްތިޢުމާރުގެ ދަށުގައި އެ ޤައުމުން ތަހައްމަލުކުރަންޖެހުނު ވޭނާއި، ޣައްޒާގެ ހާލަތާ ހުރި ގުޅުމުގެ މައްޗަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޣައްޒާގެ ނަން މަދުން ގެންނެވި ނަމަވެސް، އަދި އިސްރާއީލުގެ ނަން އެއްގޮތަކަށްވެސް ނުގެންނެވި ނަމަވެސް، އެ ސަރަޙައްދުގެ ހާލަތަށް ތަކުރާރުކޮށް އިޝާރާތްކުރެއްވިއެވެ.
ރައީސް ޕްރަބޯވޯ ވިދާޅުވީ، އިންޑޮނޭޝިއާގެ ރައްޔިތުންނަށް އިސްތިޢުމާރުގެ ވޭން ދަންނަކަމަށާއި، ޣައްޒާގައި މިހާރު ހިނގަމުންދާ ކަންކަމަކީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށެވެ.
"އަޅުގަނޑުގެ ޤައުމަށް މި ވޭން އެނގޭ ގަރުނުތަކެއް ވަންދެން، އިންޑޮނޭޝިއާގެ ރައްޔިތުން ދިރިއުޅެމުން ދިޔައީ އިސްތިޢުމާރީ އަޅުވެތިކަމާއި، އަނިޔާވެރިކަމާއި، އަޅުންގެ ގޮތުގައި، އަޅުގަނޑުމެންގެ އަމިއްލަ ވަޒަނުގައި އަޅުގަނޑުމެންނާމެދު ޢަމަލުކުރެވުނީ ކުއްތާއަށްވުރެވެސް ދަށު ދަރަޖައިގައި،" ރައީސް ޕްރަބޯވޯ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިންޑޮނޭޝިއާގެ ރައްޔިތުންނަށް އެނގޭ ޢަދުލު އިންސާފު ނުލިބުމުގެ މާނައާއި، އަޕާތައިޑްގެ ދަށުގައި ދިރިއުޅުމުގެ މާނައާއި، ފަގީރުކަމުގައި ދިރިއުޅުމާއި، ހަމަހަމަ ފުރުޞަތުތައް ނުލިބުމުގެ މާނަ." ރައީސް ޕްރަބޯވޯ އިތުރަށް ވިދާޅުވިއެވެ.
މި ބަސްފުޅުތަކުން ރައީސް ޕްރަބޯވޯ ވަނީ އިންޑޮނޭޝިއާގެ ތާރީޚީ ތަޖުރިބާ ފަލަސްތީނުގެ މިހާރުގެ ހާލަތާ ގުޅުވައިލައްވާފައެވެ. ރައީސް ޕްރަބޯވޯގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ މިނިވަން ފަލަސްތީނެއް ޤާއިމުކުރުމަށާއި އެ ސަރަޙައްދުގައި ސުލްޙަ ޤާއިމުކުރުމަށް ހޫނު އިލްތިމާސަކާ އެކުގައެވެ.
"އަޅުގަނޑުމެންނަށް މިނިވަން ފަލަސްތީނެއް އޮންނަން ޖެހޭނެ، އެހެންނަމަވެސް އަޅުގަނޑުމެން އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަންވެސް ބަލައިގަންނަން ޖެހޭނެ، އޭރުން އެކަނި އަޅުގަނޑުމެންނަށް ޙަޤީޤީ ސުލްޙައެއް ލިބޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
"ހަމައެކަނި ޙައްލަކީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ ދެ ދަރިކޮޅު އެއްބައިވަންވަންތަކަމާއެކު ދިރިއުޅުން، ޢަރަބިން، ޔަހޫދީން، މުސްލިމުން، ކްރިސްޓިއަނުން، ހިންދޫން، ބުއްޑިސްޓުން - ހުރިހާ ދީންތަކެއްގެ މީހުން، އަޅުގަނޑުމެން ދިރިއުޅެން ޖެހޭނީ އެއް އިންސާނީ ޢާއިލާއެއްގެ ގޮތުގައި" މިފަދައިން ވިދާޅުވަމުން ރައީސް ޕްރަބޯވޯ ވަނީ އެންމެން އެކުވެރިކަމާއެކު ދިރިއުޅުމަށް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!