ފަލަސްތީނުގެ ޣައްޒާގެ ހާލަތާ ގުޅިގެން، ހޯމަ ދުވަހު އިޓަލީގައި ކުރިއަށްދިޔަ އާންމު އެއްވުންތަކުގެ ސަބަބުން އެ ޤައުމުގެ ދަތުރުފަތުރާއި، ތަޢުލީމީ ދާއިރާއާއި، އަދި އާންމު ޚިދުމަތްތަކަށް ބޮޑެތި އަސަރުތަކެއް ކޮށްފިއެވެ.
މިކަން އެންސާ ނިއުސް އޭޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ.
މި ހުއްޓުމުގައި އިޓަލީގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ މަސައްކަތް ހުއްޓާލާފައެވެ. މިއީ ޣައްޒާގެ ހާލަތާ ގުޅިގެން އާންމު ރައްޔިތުންގެ ޔޫނިއަންތަކުން ގޮވާލި ގޮވާލުމަކަށް އިޖާބަދިނުމުގެ ގޮތުން ކުރި ކަމެކެވެ. ޖެނޯވާ، ލިވޯނޯ، މިލާން، ރޯމް އަދި ބޮލޮންޔާ ފަދަ އިޓަލީގެ ގިނަ ސިޓީތަކެއްގައި މި ހުއްޓުމާ ގުޅިގެން މުޒާހަރާތައް ކުރިއަށް ގެންދިޔައެވެ.
އާދީއްތަ ދުވަހުގެ ރޭ މެންދަމުން ފެށިގެން ހޯމަ ދުވަހުގެ ރޭގަނޑުގެ ފަސްވަގުތާއި ހަމައަށް ކުރިއަށްދިޔަ މި އާންމު ހުއްޓުމުގެ ސަބަބުން ގިނަ ދާއިރާތަކަކަށް ބުރޫއެރިއެވެ.
ޚާއްޞަކޮށް ސަރަޙައްދީ އާންމު ދަތުރުފަތުރާއި، ރޭލްވޭ، ސްކޫލްތަކާއި، އާންމު ޚިދުމަތްތަކާއި އަދި ބަނދަރުތަކަށް މީގެ ބޮޑެތި އަސަރުތައް ކުރިކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔޫ.އެސް.ބީ ޔޫނިއަނުން ވަނީ "ޓެރަރިސްޓް ދައުލަތް ކަމުގައިވާ އިސްރާއީލާއެކު ގުޅުން ވަގުތުން ކަނޑާލުމަށް" ގޮވާލާފައެވެ. އެ ޔޫނިއަނުން ބުނެފައިވަނީ މިއީ "ހިނގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާ ގުޅިގެން އިޓަލީން އަމަލީގޮތުން އަޅަންޖެހޭ އަދި އަޅަންވާނެ ފިޔަވަޅެކެވެ."
މުޒާހަރާކުރި ފަރާތްތަކުން ޖެނޯވާ އަދި ލިވޯނޯގެ ބަނދަރުތަކުގެ މަސައްކަތްތަކަށް ހުރަސްއެޅިއެވެ. އަދި ބޮލޮންޔާގެ ޔުނިވަރސިޓީތަކުގެ ކިޔަވައިދޭ މާލަންތައް ބްލޮކްކުރިއެވެ. މިލާންގައި މާރޗްކުރުމާއެކު، ޣައްޒާއަށް ދަތުރުކުރާ ގްލޯބަލް ސުމޫދު ފްލޮޓިލާއަށް އެއްބާރުލުން ދިނެވެ.
މީގެ އިތުރުން ރޯމްގައި ބައެއް ރޭލް ދަތުރުތައް ކެންސަލްކުރިއިރު، މިލާންގެ އެމް 4 މެޓްރޯ ލައިން ބަންދުކުރިއެވެ. މިއީ ޤައުމީ ފެންވަރުގައި ކުރިއަށްގެންދިޔަ ހުއްޓުވުމުގެ ބައެއްގެ ގޮތުގައެވެ.
އދ. ގެ ފަލަސްތީނުގެ ދަށުން އޮތް ސަރަޙައްދުތަކާބެހޭ ޚާއްޞަ ރިޕޯޓަރު ފްރަންޗެސްކާ އަލްބަނީސް ވަނީ އެކްސް މެދުވެރިކޮށް ބުނެފައިވަނީ، އިޓަލީގައި އާންމު ހުއްޓުވުމުގެ ސަބަބުން ރޭލްވޭ ލައިންތަކާއި، ބަނދަރުތަކާއި، މަގުތަކާއި، ސްކޫލްތަކަށް ބުރޫއެރިކަމަށެވެ.
މިކަމުން ދައްކުވައިދެނީ ފަލަސްތީނަށް ތާއީދުކޮށް އިޓަލީގައި އާންމުންގެ ތެރެއިން އަންނަ ބޮޑު އެއްބާރުލުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!