ޑެންގީ ހުމާއި ބޭރަށް ހިންގުމުގެ ކޭސްތައް މިދުވަސްވަރު އިތުރުވެފައިވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޮގަސްޓު މަހު ޑެންގީ ހުމުގެ 250 ކޭސް ރިޕޯޓުކުރެވުނު އިރު، މިއީ ޖުލައި މަހާ އަޅާބަލާއިރު 56 ކޭސް އިތުރު އަދަދެކެވެ.

Ad
rt

އަރިދަފުސް ރޯގާގެ ހާލަތަށް ބަލާއިރު، އޮގަސްޓު މަހު 32،247 ކޭސް ރިޕޯޓުކުރެވިފައިވެއެވެ. މިއީ ޖުލައި މަހާ އަޅާބަލާއިރު 1،542 ކޭސް އިތުރު އަދަދެކެވެ. ހަމައެހެންމެ، ބޭރަށް ހިންގުމުގެ ކޭސްތައް ވެސް ވަނީ އިތުރުވެފައެވެ. އޮގަސްޓު މަހު 7،378 ކޭސް ރިޕޯޓުކުރެވުނު އިރު، މިއީ ޖުލައި މަހަށްވުރެ 1،842 ކޭސް އިތުރު އަދަދެކެވެ.

މި ހާލަތާ ގުޅިގެން އެޗްޕީއޭއިން ވަނީ މުހިންމު އިރުޝާދުތަކެއް ދީފައެވެ. މީގެ ތެރޭގައި ކެއްސާއިރު އަދި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ޓިޝޫއިން ނިވާކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ޓިޝޫ ނެތް ހާލަތެއްގައި މުލައްދަނޑިން އަނގަޔާއި ނޭފަތް ނިވާކުރުމަށާއި، ބޭނުންކުރާ ޓިޝޫ ކުނި ވަށިގަނޑަށް އެއްލާލުމަށް ވެސް އިރުޝާދު ދީފައިވެއެވެ.

އެޗްޕީއޭއިން ވަކިން ޚާއްޞަކޮށް އަންގާފައިވަނީ ހުން އައިސް ކެއްސާ ހާލަތުގައި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށެވެ. މިއީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމުގައި އެ އިދާރާއިން ފާހަގަކުރެއެވެ.

މި ދުވަސްވަރަކީ ގައިންގަޔަށް އަރާ ބަލިތައް އާންމުކޮށް ފެތުރޭ މޫސުމަކަށް ވުމާއެކު، ރައްޔިތުން ވީހާވެސް ބޮޑަށް ސަމާލުވެ، އަމިއްލަ ސިއްހަތަށް ރައްކާތެރިވުމަށް އެޗްޕީއޭއިން ގޮވާލައިފައިވެއެވެ.