އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ އަދި ކެނެޑާގެ ސަރުކާރުތަކުން، އެމެރިކާ އަދި އިސްރާއީލުގެ ހަރުކަށި އިންޒާރުތަކާ އެކުވެސް، ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައިވާކަން އާދީއްތަ ދުވަހު ޢިއުލާންކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރު ސްޓާމަރ އާދީއްތަ ދުވަހު މި ނިންމުން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، މި ފިޔަވަޅަކީ ފަލަސްތީނުގެ ރައްޔިތުންނާއި އިސްރާއީލުގެ ރައްޔިތުންނަށް އަލުން އުއްމީދު އާކޮށްދިނުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
"އަޅުގަނޑުމެން ގޮވާލަނީ ޙަޤީޤީ ދެ ދައުލަތުގެ ޙައްލަކަށެވެ. މިއީ އެމީހުންގެ ނަފްރަތުގެ ވިސްނުމާ އެއްކޮށް ޚިލާފު ކަމެކެވެ. އަޅުގަނޑުމެންނަށް ސާފުވާ ގޮތުގައި، މި ޙައްލަކީ ހަމާސްއަށް ދެވޭ އިނާމެއް ނޫނެވެ. އެއީ ހަމާސްއަށް މުސްތަޤުބަލެއް ނެތް، ސަރުކާރުގައި ދައުރެއް ނެތް، އަދި ސަލާމަތީ ކަންކަމުގައި ދައުރެއް ނެތް ކަމަށް މާނަކުރެވޭތީއެވެ." ބޮޑުވަޒީރު ސްޓާމަރ ވިދާޅުވެފަވެއެވެ.
މިއީ ތާރީޚީ ނިންމުން އައީ ކެނެޑާ އަދި އޮސްޓްރޭލިއާއިން ވެސް ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެފައިވަނިކޮށެވެ.
އޮސްޓްރޭލިއާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޤައުމުން ރަސްމީކޮށް ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައިވާ ކަމަށެވެ. އަދި އިތުރަށް ބުނެފައިވަނީ ފަލަސްތީނުގައި ހަމާސްއަށް އެއްވެސް ދައުރެއް އޮވެގެން ނުވާނެ ކަމަށެވެ. މިގޮތުން ހަމާސްގެ ބާރު ކަނޑުވައިލައި، ހަމަޖެހޭ ސަރުކާރެއް ގާއިމު ކުރުމަށް އޮސްޓްރޭލިއާއިން ގޮވާލާފައި ވެއެވެ.
ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވެސް ވިދާޅުވީ، ކެނެޑާއިން ރަސްމީކޮށް ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައިވާ ކަމަށެވެ.
މި ނިންމުންތަކަކީ ދެ ދައުލަތުގެ ހައްލަށް މަގުފަހިކޮށް، ސަރަހައްދަށް ދެމިދެމި ހުންނާނެ ސުލްހައެއް ގެނައުމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅުތަކެއް ކަމަށް މި ތިން ގައުމުން ވެސް ބުނެއެވެ.

Ad
rt