މީޑިއާ ރެގިއުލޭޓް ކުރުމަށް އިއްޔެ ތަސްދީގު ކުރެއްވި ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ހާއްސަ ކޮމިޝަން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެއްދި މި ކޮމިޝަނާ އެކު މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ވަނީ އުވިފައެވެ. މި ދެ އިދާރާގެ މަސައްކަތްތައް ދެން ކުރިއަށް ގެންދާނީ އަލަށް އުފެއްދި މި ކޮމިޝަނުންނެވެ.
އާ ގާނޫނުގައިވާ ގޮތުން، ކޮމިޝަނަށް ދާއިމީ މެންބަރުން އައްޔަންކުރެވެންދެން ވަގުތީގޮތުން ކޮމިޝަން ހިންގުމަށް ސިވިލް ސަރވިސް ކޮމިޝަނުން ފަސް މެންބަރުން ކަނޑައަޅަން ޖެހެއެވެ. މި މެންބަރުންނަކީ ޑިރެކްޓަރ ޖެނެރަލް ފެންވަރުން ފެށިގެން މަތީ މަގާމުތަކުގެ ބޭފުޅުން ކަމުގައި ވާންޖެހެއެވެ.
ދާއިމީ ކޮމިޝަނުގައި ހިމެނޭނީ ހަތް މެންބަރުންނެވެ. އޭގެ ތެރެއިން ތިން މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ހަތަރު މެންބަރުން އިންތިހާބުކުރާނީ މީޑިއާތަކުގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ކޮމިޝަންގެ މެންބަރުން ވަކިކުރުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.
މި ގާނޫނުގެ ދަށުން މީޑިއާތަކުން ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. ނަމަވެސް ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް އޮތް މާއްދާ ވަނީ އުވާލާފައެވެ.
މި ގާނޫނާ ގުޅިގެން ނޫސްވެރިންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހާއްސަކޮށް ނޫސްވެރިކަން ސަރުކާރުގެ ނިޒާމުގެ ތެރެއިން ބޮޑަށް ރެގިއުލޭޓްކުރެވޭ ގޮތަށް އޮތުމާއި، ކޮމިޝަނުގެ މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދީފައި އޮތުމާ މެދު ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!