އުތުރު ކޮރެއާގެ ވެރިޔާ ކިމް ޖޮންގް އުން ހުޅަނގުގެ ބަސްތަކެއްކަމަށް ވިދާޅުވެ، އެ ޤައުމުގައި އައިސްކްރީމް އަދި ހެމްބާގަރ ފަދަ ބަސްތައް ބޭނުންކުރުން މަނާކުރައްވާފައިވާކަމަށް ބައިނަލްއަޤްވާމީ ބައެއް ރިޕޯޓުތައް ބުނެފިއެވެ.

މިގޮތުން އުތުރު ކޮރެއާގެ ވެރިޔާ ކިމް ޖޮންގް އުން ވަނީ ބޭރުގެ ސަގާފަތުގެ ނުފޫޒު ކުޑަކުރުމަށްޓަކައި ބައެއް ބަސްތައް ބޭނުންކުރުން މަނާކުރައްވާފައިކަމަށް ބައެއް މީޑިއާ ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ. އެއިގެ ތެރޭގައ އައިސްކްރީމް އަދި ހެމްބާގަރ ފަދަ ބަސްތައް ބޭނުންކުރުން ވަނީ މަނާކުރައްވާފައެވެ.

Ad
rt

ޑެއިލީ އެންކޭގެ ރިޕޯޓުތަކުގައިވާ ގޮތުން، އުތުރު ކޮރެއާގެ އާ ބީޗް ރިސޯޓެއްގައި މަސައްކަތްކުރާ ޓުއަރ ގައިޑުންނަށް ވަނީ ބޭރުގެ އަދި ދެކުނު ކޮރެއާގެ ބަސްތައް ބޭނުންނުކުރުމަށް އަންގާފައެވެ. މި ގައިޑުންނަށް ވަނީ ސަރުކާރުން ހުއްދަކޮށްފައިވާ ޝިޢާރުތަކާއި ޢިބާރާތްތައް ދަސްކުރުމަށް ވެސް އަންގާފައެވެ.
މިސާލަކަށް، "ހެމްބާގަރ"ގެ ބަދަލުގައި "ދަބަލް ބްރެޑް ވިތް ގްރައުންޑް ބީފް" ކިޔުމަށް ވަނީ އަންގާފައެވެ. އަދި "އައިސްކްރީމް" އަށް "އެސްކިމޯޯ" އަދި "ކެރޯކީ މެޝިން" އަށް "އޮން-ސްކްރީން އެކޮމްޕެނިމަންޓް މެޝިން" ކިޔުމަށް ވަނީ އިރުޝާދު ދީފައެވެ.

މިއީ އުތުރު ކޮރެއާގައި ހުޅަނގުގެ ސަގާފަތުގެ ނުފޫޒު ކުޑަކުރުމާއި، އެ ޤައުމުގެ އަސްލީ ސަގާފަތް ދިރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ސަގާފީ އިސްލާހީ މަސައްކަތުގެ ތެރެއިން އަޅާފައިވާ ފިޔަވަޅެއްކަމަށް ވަނީ ބުނެފައެވެ. އަދި މި ފިޔަވަޅުތަކުގެ މަޤްޞަދަކީ އުތުރު ކޮރެއާގެ ބަހުގެ ބޭނުންކުރުން އިތުރުކޮށް، ބަހުގެ ޒަރީޢާއިން ބޭރުގެ ސަގާފަތުގެ ނުފޫޒު ކުޑަކުރުންކަމަށް ވެސް ވަނީ ބުނެފައެވެ.

މިއީ އުތުރު ކޮރެއާގެ ހަރުކަށި ޤަވާޢިދުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ސަމާލުކަން ލިބުނު ފުރަތަމަ ފަހަރެއް ނޫނެވެ. އެ ޤައުމުގައި ވަނީ އާންމު ކަންކަމަށް ވެސް ހަރުކަށި އަދަބުތައް ކަނޑައަޅާފައެވެ. އެންމެ ފަހުން ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން، ބޭރުގެ ފިލްމުތަކާއި ޓީވީ ޑްރާމާތައް ބެލުމާއި ހިއްސާކުރުމުގެ އަދަބަކީ މަރުގެ އަދަބެވެ.

2023 ވަނަ އަހަރު އެ ޤައުމުން ފިލައިގެން ދިޔަ އަންހެނަކު ބީބީސީއަށް ބުނެފައިވަނީ އޭނާގެ ތިން ރަހުމަތްތެރިން މަރައިލާފައިވަނީ ހަމައެކަނި ދެކުނު ކޮރެއާގެ ޑްރާމާ ގެންގުޅުނު ކަމަށްޓަކައި ކަމަށެވެ. މިއީ ބޭރުގެ މީޑިއާ ބޭނުންކުރުމުގެ ސަބަބުން އުތުރު ކޮރެއާގެ ރައްޔިތުން ކުރިމަތިލާންޖެހޭ ނުރައްކަލުގެ ހަޤީޤަތެވެ.

ބަހުގެ މައްޗަށް މި ގެނެވުނު ހަނިކުރުންތައް އައިސްފައިވަނީ އުތުރު ކޮރެއާގައި އިތުރަށް ހަރުކަށިވަމުންދާ މާހައުލެއްގައެވެ. އދ. އިން އެންމެ ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އެ ޤައުމުގެ އަނިޔާވެރިކަން އިތުރުވެފައިވާ ކަމަށާއި، މިފަދަ ހަރުކަށި ފިޔަވަޅުތައް އަޅައިގެން ވެރިކަމުގެ ބާރު ހިފެހެއްޓުމަށް އެ ޤައުމުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.