ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ދަނޑުވެރިކަމުގެ ބޭސިކް ތަމްރީނު ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިގޮތުން މި ތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ހދ. ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބްދުއްސައްތާރު ހަސަން އެވެ.

Ad
rt

އަތޮޅު ކައުންސިލާއެކު، ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު މި ސެޕްޓެމްބަރ މަހު 13 އިން 15 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމު އަމާޒުކޮށްފައިވަނީ ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ދަނޑުވެރިކަމުގެ ދާއިރާއަށް ޝައުޢުވެރިވާ ފަރާތްތަކަށެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ސެޓްފިކެޓް ވެސް ޙާސިލް ކޮށްފައެވެ.

މީގެ އިތުރުން މި ތަމްރީނު ޕްރޮގްރާމުގައި އެހީތެރިވެދެއްވައި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވާފައިވަނީ ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ އެގްރިކަލްޗަރ އޮފިސަރ އަބޫބަކުރު މުޙައްމަދާއި، ފަޒީނާ ފާރޫޤު އެވެ.

ދަނޑުވެރިކަމުގެ ސިނާއަތައް މީހުން އަހުލުވެރިކުރުވައި އެ ދާއިރާއިން މީހުން ތަމްރީނުކޮށް މައުލޫމާތުދިނުމުގެ އެކި ހަރަކާތްތައް ހއ. އަތޮޅުގައި ދަނީ ކުރިއަށް ގެންދަމުންނެވެ.

އެގޮތުން މި ސިނާޢަތަށް ޒުވާނުން ޝައުގުވެރިކުރުމަށް ގިނަ ޙަރަކާތްތަކާއި ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ ތަފާތު އެކި ހިސާބުތަކުގައިވެސް ތަމްރީނު ޕްރޮގްރާމްތައް ދަނީ ބާއްވަމުންނެވެ.