ފަލަސްތީނުގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާގައި ޔަހޫދީ އިޒްރޭލުން ޣައްޒާގެ ކުޑަކުދިންގެ ހަށިގަނޑަށް ބަޑިޖަހާފައިވާ ގޮތް ވަރަށް ކަންބޮޑުވާ މިންވަރަށް އެއްގޮތްވާކަން، ޑަޗް ނޫސް "ދަ ވޯކްސްކްރަންޓް" އިން ކުރި ތަހުގީގަކުން ހާމަ ވެއްޖެ އެވެ.

މިކަން ހާމަވެފައިވަނީ ކުޑަކުދިންނަށް ގަސްތުގައި އަމާޒުކޮށް ހަމަލާދޭކަމުގެ ކަންބޮޑުވުން ދުނިޔޭގެ އެކިކަންކޮޅުގައި އަދި ހާއްސަކޮށް ޔޫރަޕުގެ ގައުމުތަކުގައި އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

Ad
rt

"ދަ ވޯކްސްކްރަންޓް" ނޫހުން ވާހަކަ ދެއްކި 17 ޑޮކްޓަރުންނާއި ނަރުހަކީ އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ކެނެޑާ އަދި ނެދަލޭންޑްސްގެ ޑޮކްޓަރުންނެވެ. މި ޑޮކްޓަރުން 2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ޣައްޒާގެ 6 ހޮސްޕިޓަލަކާއި 4 ކްލިނިކެއްގައި މަސައްކަތް ކޮށްފައިވެއެވެ. މީގެ ގިނަ ޑޮކްޓަރުންނަކީ ސޫދާން، އަފްޣާނިސްތާން އަދި ޔުކްރެއިން ފަދަ ހަނގުރާމައިގެ ސަރަހައްދުތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރުންނެވެ.

15 ޑޮކްޓަރުން ހާމަކުރި ގޮތުގައި އުމުރުން 15 އަހަރުން ދަށުގެ 114 ކުއްޖަކަށް އެމަޖެންސީގައި ފަރުވާ ދީފައިވަނީ ބޮލުގައި ނުވަތަ މެޔަށް އެއް ގޮތަކަށް ބަޑިޖަހާފައިވާތީއެވެ. މި ކުދިންގެ ތެރެއިން ގިނަ ކުދިން ވަނީ ޝަހީދުވެފައެވެ. މި މައްސަލަތައް ފާހަގަކުރެވިފައިވަނީ 2023 ގެ ފަހުކޮޅުން ފެށިގެން 2025 ގެ މެދުތެރެއާ ހަމައަށް 10 މެޑިކަލް ފެސިލިޓީއެއްގައެވެ.

އެމެރިކާގެ ޓްރޯމާ ސަރޖަން ފެރޯޒް ސިދްވާ ވިދާޅުވި ގޮތުގައި 2024 ގެ މާރޗް މަހު ޔޫރަޕިއަން ހޮސްޕިޓަލްގައި މަސައްކަތް ފެށި ފުރަތަމަ ދުވަހު، 48 ގަޑިއިރުގެ ތެރޭގައި 10 އަހަރުން ދަށުގެ 4 ކުއްޖެއްގެ ބޮލަށް އެއްގޮތަކަށް ބަޑިޖަހާފައިވާ ތަން ފެނުނެވެ. އޭގެ ފަހުން ޖެހިގެން އައި 13 ދުވަހުގެ ތެރޭގައި އިތުރު 9 ކުއްޖަކަށް މިފަދަ އަނިޔާތައް ލިބިފައިވާކަން ފާހަގަކުރެވުނެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި މިފަދަ އަނިޔާތަކަކީ އެކްސިޑެންޓަކުން ވާނެ ކަމެއް ނޫނެވެ. ފޮރެންސިކް ތަޖުރިބާކާރުން ބުނާ ގޮތުގައި މި އަނިޔާތައް ލިބިފައިވާ ގޮތުން ދޭހަވަނީ ސްނައިޕަރުން ނުވަތަ ޑްރޯންތައް މެދުވެރިކޮށް ގަސްތުގައި އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް އިޒްރާއީލުން ދަނީ އާންމު ރައްޔިތުންނާއި ކުޑަކުދިންނަށް ގަސްތުގައި އަމާޒުކުރާކަން ދޮގު ހަދައި ދޮގުކުރަމުންނެވެ.

2025 ގެ މާރޗް މަހުން ފެށިގެން 100 އަށްވުރެ ގިނަ ބައިނަލްއަގުވާމީ ސިއްހީ މަސައްކަތްތެރިންނަށް އެއްވެސް އުޒުރެއް އަދި ސަބަބެއް ނުދައްކާ ޣައްޒާއަށް ވަނުން މަނާކޮށްފައިވާކަން އދ. އިން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ގިނަ ޑޮކްޓަރުން ބުނާ ގޮތުގައި މިހާރު މިކަމަށް ބީރުކަންފަތެއްދީ އަނގަމަތީ ޓޭޕު އަޅައިގެން ބަންދުކޮށްގެން ތިބުމަކީ އޮޕްޝަނެއް ނޫނެވެ.