"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި އައު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވައިފި އެވެ.
މި ކުންފުނި އުފައްދާފައިވަނީ ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2023) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަތުމާއި، ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރުމެވެ. މީގެ އިތުރުން، މި ތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުމަށްވެސް ވަނީ ރޭވިފައެވެ.
އައު ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވޭ ސަރުކާރު ކުންފުންޏެކެވެ.
މި ކުންފުނި އުފެއްދެވުމާއެކު، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ މުހިންމު ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!