ނޭޕާލުގައި ސޯޝަލް މީޑިއާ ބްލޮކްކުރުމާ ދެކޮޅަށް، ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި މިއަދު ކުރިއަށްދިޔަ މުޒާހަރާއަށް ފުލުހުން ބަޑި ޖެހުމުގެ ސަބަބުން 10 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

މުޒާހަރާގައި ބައިވެރިވި އެތައް ހާސް ބަޔަކު އަޑު އުފުލަމުން ގެންދިޔައީ "ސޯޝަލް މީޑިއާގެ އަންބުލޮކް ހުއްޓާލާ، ކޮރަޕްޝަން ހުއްޓުވާ" މިފަދަ ޝުއޫރުތަކެވެ. މި މުޒާހަރާއަކީ ޖެނެރޭޝަން ޒެޑްގެ މުޒާހަރާއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

Ad
rt

ސަރުކާރުން ބުނާ ގޮތުގައި ފޭސްބުކް، އެކްސް އަދި ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބްލޮކްކޮށްފައިވަނީ އެ ކުންފުނިތައް ނޭޕާލްގައި ރަޖިސްޓްރީ ނުކޮށް، ސަރުކާރުގެ ބެލުމުގެ ދަށަށް ނުގެނެސް ހުރުމުންނެވެ. ޓިކްޓޮކް، ވައިބަރ އަދި އިތުރު 3 ޕްލެޓްފޯމް ވަނީ ރަޖިސްޓްރީކޮށް، މެދުކެނޑުމެއް ނެތި ޚިދުމަތް ދެމުންނެވެ.

މުޒާހަރާކުރި ފަރާތްތަކުން ވަނީ ބާބްޑް ވަޔަރު ފަޅާލައި، ޕާލިމެންޓް ވަށައިގެން އެއްވެ، ރައިޓް ފުލުހުން ފަހަތަށް ޖެއްސުމަށްފަހު ޕާލިމެންޓް ކޮމްޕްލެކްސްއާ ހަމައަށް ކުރިއަށް ގޮސްފައެވެ. މި ހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ ޕާލިމެންޓް، ސަރުކާރުގެ ސެކްރެޓޭރިއެޓް، ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރު އަދި ސިޓީގެ މުހިންމު ސަރަހައްދުތަކުގައި ކަރފިއު އިއުލާންކޮށްފައެވެ.