ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ދަރިވަރުންނަށް ޚާއްސަ ލޯނު ހިމެނޭހެން މަތީ ތައުލީމްގެ ލޯނަށް ހުޅުވާލައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރުމަށް މިފަހަރު ހުޅުވާލީ 550 ފުރުސަތު ކަމަށެވެ. އެކަމަށް އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ އެވެ. އެއަށްފަހު ލޯނަށް ހޮވޭ ދަރިވަރުން، އަންނަ އޭޕްރީލް 20 ވަނަ ދުވަހުގެ ކުރިން އިއުލާނުކުރާނެ އެވެ.

Ad
rt

މިފަހަރުގެ ލޯން ސްކީމްގައި މުޅިން އަލަށް އިތުރު ކެޓެގަރީ އެއް ރާއްޖޭގެ އެކި ސަރަހައްދުތަކަށް (ދާއިރާތަކަށް) ނިސްބަތްވާ ދަރިވަރުންނަށް ޚާއްސަ ކުރެވިފައިވެއެވެ. މި ކެޓެގަރީގެ ބޭނުމަކީ މިއަދުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ދޭ އަހައްމިއްޔަތާއެކު ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ދަރިވަރުންނަށް ހަމަހަމަ އުސޫލެއްގެ ތެރެއިން މަތީ ތައުލީމަށް ފުރުސަތު ލިބި، އެ ސަރަހައްދެއްގެ ރަށްތަކުގައި ޚިދުމަތްކުރާނެ މީހުން ބިނާކުރުންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް ފުރުސަތެއް (މި ކެޓަގަރީގެ ދަށުން ކިޔަވާނެ ލެވެލް އެއް ކަނޑައަޅާނީ އެ ފުރުސަތު ލިބޭ ދަރިވަރު)

މިދިޔަ އަހަރު މަތީ ތައުލީމުގެ ލޯނަށް ހުޅުވާލި ފުރަތަމަ ބުރުގައި، އަސްލާ އެއްގޮތްކަމުގެ ތަތްގަނޑު ޖަހައި ހުށަހަޅާފައިވަނީ ވަރަށް މަދު ދަރިވަރުންގެ ސެޓްފިކެޓުތަކެކެވެ. އެހެންވެ އެ ފަހަރު ގިނަ ދަރިވަރުންތަކެއްގެ ފޯމު ވަނީ ބާތިލްވެފަ އެވެ. ނަމަވެސް މިފަހަރު އުސޫލަށް ގެނައި ބަދަލާ އެކު، ލޯނަށް އެދޭއިރު ސެޓްފިކެޓުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހުރިހާ ސަނަދެއް ހުށަހަޅާނީ ޕޯޓަލްއެއް މެދުވެރިކޮށް. އަޅުގަނޑުމެން ލޯނު ޕްރޮސެސް ނިންމާފައި، ލޯނު ދަރިވަރުންނަށް ލިބޭކަން އެންގީމަ، ލޯނާ ހަވާލުވާން އަންނައިރުގައި އަސްލާ އެއްގޮތްކަމުގެ ސަނަދު އެ ދުވަހު ގެންނަން ވާނީ. އެހެންވީމަ ލޯނުގެ ފުރުސަތަށް އެދި ހުށަހަޅާ ހުރިހާ ދަރިވަރުންނަށް އަސްލާ އެއްގޮތް ތައްގަނޑު ސަނަދުތަކުގައި ޖަހައިގެން ލޯނަށް ކުރިމަތިލައިގެން އެ ތަކުލީފު ދެނެއް އުފުލާކަށް ނުޖެހޭނެ،"

މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ވެސް ވަރަށް ގިނަ އާއްމު ރައްޔިތުންނަށް ކުރިމަތިވާ އުނދަގުލަކަށް ވާތީވެ، އަޅުގަނޑުމެން އެއަށް ލުއި ފަސޭހަ ކަމެއް ގެނެސްދިނުމުގެ ގޮތުން މިކަން މި ހައްލުކުރީ."

މަތީ ތައުލީމުގެ ލޯނަށް އެދި ފޯމު ހުށަޙަޅަންޖެހޭނީ އެކަމަށް ހަޔަ އެޑިއުކޭޝަނުން ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. މިނިސްޓަރު ވިދާޅުވީ އެ ޕޯޓަލް ވެސް ދަރިވަރުންނަށް ފަސޭހަވާނެ ގޮތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ ކަންތައްތަކާ އެކު، މިފަހަރުގެ ލޯނަކީ ވީހާ ވެސް ގިނަ ދަރިވަރުންނަށް ފަހިވެގެންދާނެ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މަޖިލީހުގެ 87 ދާއިރާގެ ދަރިވަރުންނަށް ލޯނު ދޭއިރު، އެ ދަރިވަރުން މަތީ ތައުލީމް ހާސިލްކޮށް އެނބުރި އެ ދާއިރާއަކަށް ހިދުމަތް ކުރުމަކީ އުއްމީދެއް ކަމަށެވެ. ނަމަވެސް އެކަން މިވަގުތު މަޖުބޫރު ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

"ރަނގަޅު ނިޔަތެއްގައި އެކަން މި ފަށަނީ. ބަލަނީ، އެ ކުއްޖަކު ނިސްބަތްވާ ދާއިރާގައި، ތައުލީމް ހާސިލްކޮށްފައިވަނީ އެ ދާއިރާގައިތޯ. ތަފާތު އެކި ފޯމިއުލާތައް ބަލާފައި ވާނީ. އޭނާގެ ދާއިމީ އެޑްރެސް ހުރީ އެ ދާއިރާގައިތޯ ވެސް ބެލިދާނެ. މީގައި އެކި ފޯމިއުލާތައް ބަލާފައި އަޅުގަނޑުމެން މިފަހަރު މި ނިންމީ އެ ކުއްޖަކު އެ ދާއިރާއިން ކޮލިފައި ވާނީ، އެ ކުއްޖަކު އޯ ލެވެލްއާ ހަމައަށް އެ ދާއިރާގައި ހޭދަކޮށްފައިވާނަމަ،"

މިނިސްޓަރު ވިދާޅުވި އެވެ.

ލޯނު ދޭ ދަރިވަރުން ކަނޑައަޅާނީ ދެފުށް ފެންނަ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަން ކުރާނެ އުސޫލުތައް ކަނޑައަޅައި އާއްމުކޮށްފައިވާނެ ކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ބުރަށް 151 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. މިދިޔަ އަހަރު ހުޅުވާލި ތިން ބުރުގެ ޖާގަތަކަށް، މުޅި ޖުމްލަ 140 މިލިއަން ރުފިޔާ ހަރަދުކުރި ކަން ފާހަގަކުރެއްވި އެވެ.

މިފަހަރުގައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރުން ފެށިގެން ފެންވަރު ގެ ނިޔަލަށް، އަދި ލައިސަންސް ނުވަތަ ޕްރޮފެޝަލް ޕްރޮގްރާމް ( މިސާލު: ޕައިލަޓް ލައިސަންސް، އޭ.ސީ.ސީ.އޭ ޕްރޮގްރާމް)ތަކަށް ކިޔެވުމަށް  ލޯނުގެ ފުރުސަތު ހުޅުވާލެވިފައެވެ.

މި ލޯނަށް މިނިސްޓްރީއިން ވަނީ 151 މިލިޔަން ރުފިޔާ ވަނީ އެކަށައަޅާފައެވެ.

މީގެ އިތުރުން، ލައިސެންސިންގް ގެ އެކި ދާއިރާތަކަށްވެސް ސްކީމަށް ކުރިމަތިލާއިރު ސެޓްފިކެޓުތަކުގައި އަސްލާއި އެއްގޮތަށް ތައްގަނޑު ޖަހަން ނުޖެހޭނެއެވެ. އަދި މިފަހަރު އިސްކަންދޭނީ މާާލީ ހާލަތު އެންމެ ދަތި ފަރާތްތަކަށް ކަމަށެވެ.