ހުޅުމާލެއަކީ ރައީސް މައުމޫންގެ ވިސްނުންފުޅެއް އަދި މަސައްކަތެއް ކަމަށް ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
އެ ހަގީގަތް ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމަށާއި އެކަން ދިވެހި ރައްޔިތުންނަށް އޮޅުވާނުލެވޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ އެހެން ވިދާޅުވީ ކުރިއަށް އޮތް ކޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލެ ދާއިރާ ސިޓީކައުންސިލަށް ޕީޕީއެމުން ވާދަކުރާ ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއުގެ ކެންޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި ވާހަކައަކާއި ގުޅިގެންނެވެ.
ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރައްވާ ޝިޔާމް ރޭ ވިދާޅުވީ ހުޅުމާލެއަކީ ކުރީގެ ރައީސް އަބުދު ﷲ ޔާމީން އަބްދުއްގައްޔޫމް ޒުވާނުންނަށް ބިނާކޮށްދެއްވި ސިޓީއެއް ކަމަށެވެ.
ޝިޔާމް އެހެން ވިދާޅުވިނަމަވެސް ހުޅުމާލެއަކީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި ދުރުރާސްތާ ޕްލޭނެއްގެ ދަށުން ފެއްޓެވި މަސައްކަތެކެވެ. ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއިއެކު ތަނަވަސް މާހައުލެއް ލިބިދެވޭނެހެން ކުރިމަގުގެ ތަސައްވުރަކާއިއެކު ރައީސް މައުމޫން އެމަސައްކަތް ފެއްޓެވީ އޮކްޓޫބަރު 16، 1997 ވަނަ އަހަރު އެވެ.

އެ މަސައްކަތް ފެށީ ހުޅުލޭ ފަޅުތެރޭގައި އޮތް ބަނޑެއްގައި ތައްޔާރުކުރި ފޭލިގެއެއް ގައެވެ. މައުމޫންގެ ވެރިކަމުގައި ހަތް އަހަރު ދުވަހުގެ ތެރޭގައި ހުޅުމާލޭގެ ފޭސް އެކެއް ހިއްކާ ގެދޮރު ބިނާކޮށް މީހުން ދިރިއުޅެން ވަނީ ފެށި އެވެ. އެއީ 2004 ވަނަ އަހަރެވެ. އެ މަސައްކަތްތައް ކުރިއަށް ގެންދެވީ އޭރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު އުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުންނެވެ.
އާބާދީ އެއްފަސް ކުރުމާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ބޭނުމުގައި މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ހުޅުމާލެ ތަރައްގީ ކުރުމުގެ މަސައްކަތް ފެށިތާ މިހާރު ވަނީ 22 އަހަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!