މަޝްހޫރު ޕްރެޒެންޓަރ ޝިފްޒާ މުސްތަފާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީނިއަރ މެނޭޖަރ ޕަބްލިކް ރިލޭޝަންސްގެ މަގާމަށް ހަމަޖައްސައިފިއެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ޝިފްޒާ އެ މަގާމަށް ހަމަޖައްސާފައިވާކަމަށް ބުނެފައެވެ. އަދި ޝިފްޒާ އަށް މަރުޙަބާ ކިޔާފަވެއެވެ.
ޝިފްޒާ އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ ސަންގު ޓީވީގައެވެ.
ޝިފްޒާ ވަނީ މިއަހަރު ޖެނުއަރީ މަހު ހުސްވި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ދެ މެމްބަރުން ކުރެ މެމްބަރެއްގެ މަގާމަށް ކުރިމަތިލާފައެވެ. އެފަހަރު ކޮމެޓީން އެންމެ ގިނައިން މާކުސް ދިން ދެވަނަ ނަމުގެ ގޮތުގައި ޝިފްޒާގެ ނަން އޮތް ނަމަވެސް، މަޖިލީހުގެ ތަޅުމުން ވަނީ ޝިފްޒާ ކަޓުވާލައި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އައްޔަނުކުރުމަށް ފާސްކޮށްފައެވެ.
2020 ވަނަ ރެހެންދި އެވޯޑް ހޯދާފައިވާ ޝިފްޒާ އަކީ މީޑިއާ ކައުންސިލްގެ މެމްބަރުކަން ކުރުމުގެ އިތުރުން 14 އަހަރަށްވުރެ ގިނަ ދުވަހު މީޑިއާގައި މަސައްކަތްކުރަށްވާފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އެވިޑް ކޮލެޖްގެ ލެކްޗަރ އެއްގެ ގޮތުގައި ވެސް މަސައްކަތްކުރަށްވާ ޝިފްޒާ ވަނީ މިއަހަރު އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާސް ހާސިލްކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!