ރާއްޖެ ތަރައްގީކުރުމަށް ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ މާސްޓަޕްލޭނަށް މަޝްވަރާ އާއި ހިޔާލު ހޯދުމަށް ރަށްރަށަށް ކުރާ ދަތުރުތައް މިއަދު ފަށައިފި އެވެ.
ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި "ވިލުންތެރި ރާއްޖެ" ޓީމުގެ، ފުރަތަމަ މަންޒިލަކީ ކ. ގުރައިދޫ އެވެ.
މިދަތުރުގައި، ގުރައިދޫގެ ކައުންސިލާއި ރައްޔިތުންނާ ބައްދަލުކޮށް، ގައުމުގެ ކުރިމަގާއި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރުމަށް ވަނީ ރޭވިފައެވެ.
"ވިލުންތެރި ރާއްޖެ 2045" ގެ ނަމުގައި އެކުލަވާލެވޭ މި ޕްލޭނަކީ 2025 އިން 2045 އަށް ހިންގުމަށް ރޭވިފައިވާ މަޝްރޫއެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމުގައިވާ 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ މަސައްކަތުގެ މުހިންމު ބައެކެވެ.
މި ދިގު މުއްދަތުގެ ޕްލޭންގެ މައިގަނޑު މަގުސަދަކީ ގައުމުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް، ދުރު ރާސްތާގެ ވިސްނުމަކާއެކު ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ކަންކަން ރާވައި ހިންގުމެވެ. އަދި ދުނިޔޭގެ އިގުތިސާދީ އަދި ޓެކްނޮލޮޖީގެ ބަދަލުތަކާއި، ހާއްސަކޮށް މޫސުމީ ބަދަލުތަކާ ކުރިމަތިލެވޭފަދަ ގާބިލު ގައުމެއް ބިނާކުރުމެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީން ވަނީ ނެކްސިއާ މޯލްޑިވްސްއާ ހަވާލުކޮށްފައެވެ. އަދި މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!