ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މިއަދު އެމްޖީއެޗް ގްރޫޕުން ހާއްސަ މެޑިކަލް ކޭމްޕެއް ފަށައިފިއެވެ.
ރާއްޖޭގެ އަތޮޅުތަކުގައި ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުގެ ސިޔާސަތުގެ ދަށުން ހެލްތު މިނިސްޓްރީ އާއި އެމްޖީއެޗް ގުޅިގެން ހިންގާ މި ޕްރޮގްރާމަކީ އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެމްޖީއެޗް ގްރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްގެ ތެރެއިން އެކި ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ބަލިމީހުން ދެއްކުމުގެ އިތުރުން، އޮޕަރޭޝަންތައް ކުރުމާއި އުނގޫފާރު ހޮސްޕިޓަލުގެ މެޑިކަލް ސްޓާފުންނަށް ތަމްރީނު ދިނުން ހިމެނެއެވެ.
މީގެއިތުރުން، އަތޮޅުތަކުގެ ސިއްހީ ހިދުމަތް ފުޅާކުރުމަށް ހެލްތު މިނިސްޓްރީއާއި ރީޖަނަލް ހޮސްޕިޓަލްތަކާއެކު މަސައްކަތްކުރުމަކީ އެމްޖީއެޗް ގްރޫޕްގެ އަމާޒެއްކަމުގައި ވިދާޅުވިއެވެ.
މި ކޭމްޕްގައި ކެންސަރު، ޔޫރޮލޮޖީ، ނިއުރޮލޮޖީ އަދި ޖެނެރަލް ސަރޖަރީގެ ހާއްސަ ޑޮކްޓަރުން ބައިވެރިވެ، ބަލިމީހުންނަށް ފަރުވާ ދެއްވާނެއެވެ. އަދި މި ކޭމްޕް ކުރިއަށްދާނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ. މީގެ ކުރިން މިފަދަ ކޭމްޕްތައް ހދ. ކުޅުދުއްފުށި އަދި ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގައިވެސް ބޭއްވިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!