ކުޑަކުދިންގެ ރައްކާތެރިކަމަށް ކަންބޮޑުވުން ފާޅުކޮށް، އެމެރިކާގެ މަޝްހޫރު ގޭމިންގ ޕްލެޓްފޯމް ރޯބްލޮކްސް އާއި ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށް ސަޢޫދީ އަރަބިއްޔާ އާއި އެމިރޭޓްސް ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި އެވެ.

ސަޢޫދީ އަރަބިއްޔާގެ ޖެނެރަލް ކޮމިޝަން ފޯ އޯޑިއޯވިޝުއަލް މީޑިއާއިން ވަނީ ރޮބްލޮކްސްގެ ޓެކްސްޓް އަދި ވޮއިސް ޗެޓް ވަގުތީގޮތުން ހުއްޓާލުމަށް އަންގާފައެވެ. މި ކޮމިޝަންގެ އިލެކްޓްރޯނިކް ގޭމްސް ޑިޕާޓްމަންޓްއިން ބުނެފައިވަނީ މިއީ އެގޭމު ކުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ ވަގުތީ ފިޔަވަޅެއްކަމަށެވެ.

Ad
rt

ޔޫއޭއީގެ ޓެލެކޮމިއުނިކޭޝަންސް އެންޑް ޑިޖިޓަލް ގަވަރމަންޓް ރެގިއުލޭޓަރީ އޮތޯރިޓީން މިދިޔަ ބުރާސްފަތި ދުވަހު އިޢުލާނުކުރި ގޮތުގައި ރޯބްލޮކްސްއާއެކު މަޝްވަރާކޮށް، ޚާއްޞަކޮށް ކުޑަކުދިންގެ ޑިޖިޓަލް ރައްކާތެރިކަން އިތުރުކުރުމަށް އައު އިސްލާހުތަކެއް ގެނެވިފައިވާ ކަމަށެވެ.

މީގެ ކުރިން، ކުވެއިތުން ވަނީ އޯގަސްޓް 21 ގައި ރޯބްލޮކްސް ބްލޮކްކޮށްފައެވެ. މި ނިންމުން ނިންމީ މައިންބަފައިންނާއި ބެލެނިވެރިން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެންނެވެ. އަދި އޯގަސްޓް 13 ގައި ޤަޠަރުން ވެސް ވަނީ ކުޑަކުދިންނާއި ޒުވާނުންގެ ސުލޫކު ރައްކާތެރިކުރުމަށްޓަކައި ރޯބްލޮކްސް އެގައުމުގައި ބަންދުކޮށްފައެވެ. މީގެ އިތުރުން، ޖޫން މަހު އޮމާނުން ވެސް ވަނީ މި ގޭމިންގ ޕްލެޓްފޯމް ރަސްމީކޮށް ބަންދުކޮށްފައެވެ.

ރޯބްލޮކްސްއިން ވަނީ ސަޢޫދީ އަރަބިއްޔާގެ އެކި ސަރުކާރު މުއައްސަސާތަކާއެކު މަޝްވަރާކުރުމަށްފަހު، ޢަރަބި ބަހުން މުއާމަލާތްކުރުމުގެ ޤާބިލުކަން އިތުރުކުރުމަށާއި ކޮންޓެންޓް މޮޑަރޭޝަން ހަރުދަނާކުރުމަށް އެއްބަސްވެފައެވެ. 2024 ވަނަ އަހަރުގެ ރިޕޯޓެއްގެ ދައްކާގޮތުން ރޮބްލޮކްސްއަކީ ސަޢޫދީ އަރަބިއްޔާގައި އެންމެ ގިނައިން ޑައުންލޯޑްކުރެވޭ ދެވަނަ މޮބައިލް ގޭމެވެ.

ސައިބަރ ސެކިއުރިޓީ ކުންފުނި ކެސްޕަރްސްކީގެ ރިޕޯޓެއްގައި ވާގޮތުން، 2024 ވަނަ އަހަރު ރޯބްލޮކްސްގެ ނަމުގައި 1.6 މިލިއަނަށްވުރެ ގިނަ މެލްވެއަރ (ނުރައްކާތެރި ސޮފްޓްވެއަރ) ހަމަލާ ދިނުމުގެ މަސައްކަތް ކުރެވިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

އެމެރިކާގެ ލުއިޒިއާނާގައި ރޯބްލޮކްސްއާ ދެކޮޅަށް ދަޢުވާއެއް އުފުލިފައިވާކަން ސީއެންއެންއިން ވެސް ރިޕޯޓްކޮށްފައިވެއެވެ. މި ދަޢުވާގައި ބުނެފައިވަނީ މި ޕްލެޓްފޯމްގައި ކުޑަކުދިންނަށް ގޯނާކުރާ މީހުންނަށް ފުރުސަތު ލިބޭކަމަށެވެ.

ރޯބްލޮކްސްއަކީ ރޯބްލޮކްސް ކޯޕަރޭޝަނުން ތައްޔާރުކޮށްފައިވާ، މިހާތަނަށް 1.5 ބިލިއަނަށްވުރެ ގިނަ ފަހަރު ޑައުންލޯޑްކުރެވިފައިވާ ގޭމެކެވެ. އަދި 2025 ވަނަ އަހަރުގެ ޖޫން މަހު ގޫގުލް ޕްލޭ ސްޓޯރުން އެންމެ ގިނައިން ޑައުންލޯޑްކުރެވުނު ގޭމްގެ ގޮތުގައި ވަނީ ރެކޯޑްކުރެވިފައެވެ.