ނޭޕާލުގެ ސަރުކާރުން އިންޓަނެޓް ސަރވިސް ޕްރޮވައިޑަރުތަކަށް އަންގައިގެން ފޭސްބުކާއި، އިންސްޓަގްރާމާއި، ޔޫޓިއުބާއި، އެކްސް ފަދަ މައިގަނޑު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބްލޮކްކުރަން އަންގައިފިއެވެ.

މިގޮތުން ޖުމްލަ 26 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ބްލޮކްކުރުމަށް ނޭޕާލްގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން ނޭޕާލް ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީއަށް ވަނީ އަންގައިފަ އެވެ.

Ad
rt

މި ފިޔަވަޅު އަޅައިފައިވަނީ "ޑައިރެކްޓިވްސް ފޮރ މެނޭޖިންގ ދަ ޔޫސް އޮފް ސޯޝަލް ނެޓްވަރކްސް، 2023" ގެ ދަށުން ރަޖިސްޓްރީ ކުރުމަށް އަންގައިފައިވާ ގޮތަށް ރަޖިސްޓްރީ ނުކުރުމުންނެވެ. މި ފިޔަވަޅަކީ އެގައުމުގެ ސުޕްރީމް ކޯޓުގެ އަމުރަކާ އެއްގޮތަށް އަޅައިފައިވާ ފިޔަވަޅެކެވެ. އެ އަމުރުގައި ވަނީ އޮންލައިން އަދި ސޯޝަލް ޕްލެޓްފޯމްތައް، ބޭރުގެ ނަމަވެސް، ނޭޕާލްގައި ހިދުމަތް ދިނުމުގެ ކުރިން ރަސްމީކޮށް ރަޖިސްޓްރީ ކުރަންވާނެ ކަމަށެވެ.

ބޮޑެތި ކުންފުނިތަކަށް އެޖިސްޓަރީ ކުރުމަށް އަލުން އޯގަސްޓް 28 އިން ފެށިގެން 7 ދުވަހުގެ މުއްދަތެއް ދީފައިވީ ނަމަވެސް، މެޓާ (ފޭސްބުކް، އިންސްޓަގްރާމް، ވަޓްސްއެޕް)، އަލްފަބެޓް (ޔޫޓިއުބް)، އެކްސް (ކުރީގެ ޓްވިޓަރ)، ރެޑިޓް އަދި ލިންކްޑްއިން ފަދަ ބޮޑެތި ޕްލެޓްފޯމްތަކުން އެއްވެސް އެޕްލިކޭޝަނެއް ހުށަހަޅައިފައެއް ނުވެއެވެ. އެހެންނަމަވެސް ޓިކްޓޮކް، ވައިބަރ، ވިޓްކް، ނިމްބަޒް އަދި ޕޮޕޯ ލައިވް ވަނީ މިހާރު ރަޖިސްޓްރީ ކޮށްފައެވެ. އަދި ޓެލެގްރާމް އަދި ގްލޯބަލް ޑައިރީ ވަނީ އެޕްލިކޭޝަން ހުށަހަޅައިފަ އެވެ.

މިހާރު އެޕްތައް އިންސްޓޯލް ކޮށްފައި ހުރި ނަމަ، އެ އެޕްތައް މަސައްކަތް ކުރާކަމަށް ބުނެއެވެ. ނަމަވެސް، އަލުން އިންސްޓޯލް ކުރާ ފަރާތްތަކަށް މަސައްކަތް ނުކުރާކަމަށް ބުނެއެވެ. އަދި ބައެއް ފަރާތްތަކުން ވީޕީއެން އަދި ޑީއެންއެސް އެޕްތައް ބޭނުންކޮށްގެން އެންޓީއޭގެ ބޮލޮކް ބައިޕާސް ކޮށްގެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުމަށް މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

އެކްސެސް ނައު ގެ އޭޝިއާ ޕެސިފިކް ޕޮލިސީ ޑައިރެކްޓަރ އަދި ގްލޯބަލް ސައިބަރ ސެކިއުރިޓީ ލީޑް ރަމަން ޖިޓް ސިންގ ޗިމާ ވިދާޅުވީ، ސަރުކާރުގައި ރަޖިސްޓްރީ ނުކުރާތީ މުޅި ސޯޝަލް މީޑިއާ އަދި ވެބް ސަރވިސްތައް ބްލޮކް ކުރުމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރ ޕްރިތްވި ސުބާ ގުރުންގް ވިދާޅުވީ، ނޭޕާލްގައި ރަޖިސްޓްރީ ކުރުމަށް އެކަށީގެންވާ ވަގުތު ދީފައިވާ ކަމަށާއި، މެޓާއަށްވެސް ތަކުރާރުކޮށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ކުންފުންޏަކުން އެއްބާރުލުމެއް ނުދޭ ކަމަށެވެ.