ފްރާންސްގެ ލިމޯޖް ސިޓީގައި ހުންނަ އެޑްރިއަން ޑުބޫޝް ނެޝަނަލް މިއުޒިއަމުން ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު (9.5 މިލިއަން ޔޫރޯ) އަގުކުރެވޭ، ޤައުމީ ތަރިކައިގެ ގޮތުގައި ކަނޑައަޅާފައިވާ ތިން ފަށުވި އެތި، ބުރާސްފަތި ދުވަހުގެ ފަތިހު ވަގަށް ނަގައިފިއެވެ.
މިކަން މިއުޒިއަމުން ވަނީ ހާމަކޮށްފައިވާއިރު، މި މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ދިން، ނަން ހާމަކުރަން ބޭނުންނުވާ ފަރާތަކުން އޭއެފްޕީއަށް ބުނެފައިވާ ގޮތުގައި، މިވައްކަން ހިންގާފައިވަނީ ފަތިހު 3:15 ހާއިރުއެވެ. ވަގުން ވަނުމަށްޓަކައި މިއުޒިއަމްގެ ކުޑަދޮރެއް ތަޅާލައި، އެލާމް ހަލާކުކޮށްލާފައިވެއެވެ.
މިއުޒިއަމުން ބުނި ގޮތުގައި، ޝައްކުކުރެވޭ ފަރާތްތައް ވަނީ ތާރީޚީ ގެލެރީއަށް ވަދެ، "14 އަދި 15 ވަނަ ޤަރުނުގެ ޚާއްޞަކޮށް މުހިންމު ދެ ޗައިނީޒް ފަށުވި ތަށި" އާއި، 18 ވަނަ ޤަރުނުގެ ޗައިނީޒް ފުޅިއެއް ވަގަށް ނަގާފައެވެ. މި ހުރިހާ އެއްޗަކީވެސް ފުރާންސްގެ "ޤައުމީ ތަރިކަ" ގެ ގޮތުގައި ކަނޑައަޅާފައިވާ އަގުހުރި ތަކެއްޗެވެ.
މިއުޒިއަމުން ފުލުހުންނަށް ދީފައިވާ ފުރަތަމަ އަންދާޒާގައި، ވަގަށް ނެގި ތަކެތީގެ އަގު ގާތްގަނޑަކަށް 9.5 މިލިއަން ޔޫރޯ (11 މިލިއަން ޑޮލަރު) ކަމަށް ވަނީ ބުނެފައެވެ.
މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށް ޕްރޮސެކިއުޓަރުން ވަނީ "ގްރޫޕެއްގެ ގޮތުގައި އަދި މުދަލަށް ގެއްލުން ދީގެން ފްރާންސްގެ މިއުޒިއަމެއްގައި ބަހައްޓާފައިވާ ސަގާފީ މުދަލެއް ވަގަށް ނެގުން ބޮޑުވެފައިވާ'' މައްސަލައެއްގެ ގޮތުގައި މި މައްސަލައިގެ ތަޙުޤީޤު ފަށާފައެވެ. ލިމޯޖްގެ ޕަބްލިކް ޕްރޮސެކިއުޓަރު އެމިލީ އަބްރާންޓްސް ވިދާޅުވީ، ސެކިއުރިޓީ ގާޑުން ފުލުހުންނަށް އެކަން ލަސްނުކޮށް އެންގި ނަމަވެސް، ޝައްކުކުރެވޭ ފަރާތްތައް ވަނީ ފިލައިގެން ގޮސްފައެވެ.
ލިމޯޖް ސިޓީގެ މޭޔަރު އެމިލް ރޮޖަރ ލޮމްބަރޓީ ނޫސްވެރިންނަށް ވިދާޅުވީ، ސެކިއުރިޓީ ސިސްޓަމް ރަނގަޅަށް ވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެ ސިސްޓަމް މުރާޖަޢާކުރަން ޖެހިދާނއކަމަށް އޭނާ ވިދާޅުވެފަވެއެވެ. އަދި އޭނާ ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ހުރިހާ މިއުޒިއަމްތަކުންވެސް އެއްވަގުތެއްގައި ނަމަވެސް އެއްޗެހި ވަގަށް ނެގުމަކީ ހިނގާފައިވާ ކަމަށެވެ.
"ގަބޫލުކުރެވޭ ގޮތުގައި، ކަލެކްޓަރުން މި އެއްޗެހި ވަގަށް ނެގުމަށް އަމުރުކޮށް، މަތީ ފެންވަރުގެ ކުށްވެރިންނަށް އެކަން ހަވާލުކުރަމުން ދަނީ،" މި ވައްކަމުގެ ފަހަތުގައި އޮތް ކަމަށް ލަފާކުރެވޭ ސަބަބު ބަޔާންކުރައްވަމުން ލޮމްބަރޓީ ވިދާޅުވެފަވެއެވެ.
މިއުޒިއަމްގެ ވެބްސައިޓުގައިވާ ގޮތުން، މި މިއުޒިއަމްގައި ގާތްގަނޑަކަށް 18،000 އެއްޗެހި ހުރެއެވެ. މީގެ ތެރޭގައި ދުނިޔޭގައި އާންމުކޮށް ބެހެއްޓިފައިވާ އެންމެ ބޮޑު ލިމޯޖް ފަށުވީގެ ކަލެކްޝަން ހިމެނެއެވެ.
މިދިޔަ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުވެސް ފްރާންސްގެ މިއުޒިއަމްތަކުން ބޮޑު ދެ ވައްކަމެއް ހިންގާފައިވެއެވެ. އޭގެ ތެރެއިން އެއް ވައްކަމަކީ ޕެރިސްގެ ކޮގްނާކް-ޖޭ މިއުޒިއަމްގައި ހިންގި ވައްކަމެވެ. މި ވައްކަމުގައި ހަތަރު މީހުން ދުވާލު އާންމުކޮށް މިއުޒިއަމް ހުޅުވާފައި ހުއްޓާ އަދި އެތަނަށް ޒިޔާރަތްކުރި މީހުންގެ ބަލަހައްޓައިގެންތިއްބާ އެމީހުންގެ ކުރިމަތީގައި ވަޅިއާއި ބެޓްތަކުން ޑިސްޕްލޭއެއް ތަޅާލައި، ދުންފަތް އަޅާ ފޮށިތަކާއި އެހެނިހެން އަގުބޮޑު ތަކެތި ވަގަށް ނަގާފައިވެއެވެ. ބީބީސީ ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުން، މި ވައްކަމުގެ ސަބަބުން ރޯޔަލް ކަލެކްޝަން ޓްރަސްޓަށް 4 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ އިންޝުއަރެންސް ފައިސާ ދައްކާފައިވެއެވެ. ޖެހިގެން އައި ދުވަހު، ފްރާންސްގެ އިރުމަތީ ސަރަޙައްދުގައި ހުންނަ ހިއެރޯން މިއުޒިއަމްގައި ހަތިޔާރާއެކު ވައްކަމެއް ހިންގައި، އެތައް މިލިއަން ޔޫރޯއެއްގެ ގަހަނާ ވަގަށް ނަގާފައިވެއެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރުގެ މޭ މަހު، ޕެރިސްގެ އެންމެ މުއްސަނދި މަގުތަކުގެ ތެރެއިން އެއް މަގެއްގައި ހުންނަ ގަހަނާ ފިހާރައަކަށް ހަތިޔާރާއެކު ވަދެ ވައްކަމެއް ހިންގާފައިވެއެވެ. މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، މި ވައްކަން އަމާޒުކޮށްފައިވަނީ "ތަރިތަކުގެ ގަހަނާ ވިއްކާ ފަރާތް" ކަމަށް އަމިއްލައަށް ސިފަކުރާ ހެރީ ވިންސްޓަންގެ އެކްސްކްލޫސިވް ބޫޓީކްއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!