އެންމެ ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި، އެމެރިކާގެ ކެލިފޯނިއާގެ ގަވަރުނަރު ގަވިން ނިއުސަމްގެ މަޤްބޫލުކަން، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްވުރެ މަތިވެފައިވާކަމަށް ނިއުސްވީކްގެ ރިޕޯޓެއްގައި ބުނެފިއެވެ.

ދެ ސާވޭ އަކާއި ހަވާލާދީ ނިއުސްވީކުން ރިޕޯޓްކޮށްފައިވާގޮތުން، އެ ދެ ސާވޭ ދައްކާގޮތުގައި ކެލިފޯނިއާގެ ގަވަރުނަރު ނިއުސަމްގެ މަޤްބޫލުކަން ޓްރަމްޕަށްވުރެ 5 އިންސައްތަ އުޅެނީ މަތީގައެވެ.

Ad
rt

ނިއުސަމް އަށް ލިބުނު މި ކުރިއެރުމަކީ ފަހަކަށް އައިސް އޭނާގެ ސިޔާސީ ޕްރޮފައިލް މަތިވުންކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާއިރު، އޭނާވަނީ އެމެރިކާގެ އެކި ކަންކޮޅުތަކުގައި ތަޤްރީރުތައް ދީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ގިނަ ސަރވޭތަކުގައި އެންމެ ކުރީ ސަފުގައި ހިމެނިފައިަކަމަށް ވެސް ނިއުސްވީކްގެ ރިޕޯޓްގައި ބުނެފަވެއެވެ. އަދި އިޖުތިމާޢީ ވިއުގަތަކުގައި ޓްރަމްޕާ ދެކޮޅަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދައްކައި، އޭނާގެ ޕްރޮފައިލް އިތުރަށް މަތިކޮށްފައިވާކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ކެލިފޯނިއާގެ ގަވަރުނަރު ނިއުސަމް ރިޔާސީ އިންތިޚާބަށް ކުރިމަތިލާނެކަން ރަސްމީކޮށް އިޢުލާނުކޮށްފައި ނުވިނަމަވެސް، އެކަން ދޮގުކުރަށްވާފައެއް ވެސް ނުވެއެވެ. ސިޔާސީ ދާއިރާގެ ގިނަ މާހިރުން ދެކޭގޮތުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިޔަށް އޮތް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ނިއުސަމަށް ބޮޑެވެ. ޤާނޫނު އަސާސީގައިވާ ގޮތުން ޓްރަމްޕަކަށް އިތުރު ދައުރަކަށް ކުރިމައްޗެއް ނުލެވޭނެއެވެ. ނަމަވެސް ނިއުސަމްގެ މަޤްބޫލުކަން ޓްރަމްޕަށްވުރެ މަތިވުމަކީ، ޑިމޮކްރެޓިކް ޕާޓީގެ މަޤްބޫލުކަން ރިޕަބްލިކަން ޕާޓީއަށްވުރެ އިތުރުވަމުންދާކަމުގެ ނިޝާނެއް ކަމުގައި ބެލެވެއެވެ. މިކަމަކީ 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މެދުތެރޭގެ އިންތިޚާބުތަކުގައި ވޯޓުލާ ފަރާތްތަކަށް މުހިންމު މަޢުލޫމާތެކެވެ.

ސަރވޭގެ ތަފްޞީލުތައް

ދި އިކޮނޮމިސްޓް/ޔޫގޮވް އިން ހެދި ސަރވޭއެއްގައި ނިއުސަމްގެ ސާފު ތާއީދު -10 ޕަސެންޓޭޖް ޕޮއިންޓުގައި ހުރިއިރު، ޓްރަމްޕްގެ ސާފު ތާއީދު ހުރީ -15 ޕަސެންޓޭޖް ޕޮއިންޓުގައެވެ. މި ސަރވޭގައި 1,691 މީހުން ބައިވެރިވެފައިވެއެވެ. އަދި މި ސަރވޭގެ އެރަރ މާޖިން އަކީ +/- 3.4 ޕަސެންޓޭޖް ޕޮއިންޓެވެ.

ޔަހޫ/ޔޫގޮވް އިން ހެދި އަނެއް ސަރވޭގައި 1,690 މީހުން ބައިވެރިވެފައިވެއެވެ. މި ސަރވޭއިން ދައްކާގޮތުގައި ނިއުސަމްގެ ސާފު ތާއީދު -9 ޕަސެންޓޭޖް ޕޮއިންޓުގައި ހުރިއިރު، ޓްރަމްޕްގެ ސާފު ތާއީދު ހުރީ -14 ޕަސެންޓޭޖް ޕޮއިންޓުގައެވެ. މި ސަރވޭގެ އެރަރ މާޖިން އަކީ +/- 3.1 ޕަސެންޓޭޖް ޕޮއިންޓެވެ.

މާހިރުންގެ ޚިޔާލު

އިނގިރޭސިވިލާތުގެ ސަރޭ ޔުނިވަރސިޓީގައި އެމެރިކާގެ ސިޔާސަތު ކިޔަވައިދެއްވާ މާކް ޝަނަހަން ވިދާޅުވެފައިވަނީ، ގަވިން ނިއުސަމްއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިލުމަށް އެންމެ ފުރަތަމަ ކުރިމަތިލި ޤާބިލު ކެންޑިޑޭޓެއްކަމަށެބެ. މިހާތަނަށް އޭނާ ވަނީ ރަނގަޅު ވަސީލަތްތަކާއެކު މީޑިއާ ކެމްޕޭނެއް ހިންގާފައެވެ. އަދި ޓްރަމްޕްގެ އުކުޅުތައް ބޭނުންކޮށްގެން ރައީސްއާ ދެކޮޅަށް ވާހަކަދައްކައި، ޓްރަމްޕް ރުޅިއެރުވުމަށް މަސައްކަތްކޮށްފައިވެއެވެ. މިވަގުތަށް އޭނާގެ ސްޓްރެޓެޖީ ވަނީ ކާމިޔާބުވެފައެވެ. އެއީ ރައީސް ޓްރަމްޕަށް ޤައުމުގެ އެތެރޭގައި އަދި ބޭރުގައިވެސް އޭނާގެ ޕޮޕިއުލަރިޓީ އިތުރުކުރެވޭވަރުގެ ބޮޑެތި ކާމިޔާބީތަކެއް ހޯދިފައި ނުވާތީއެވެ. ނިއުސަމް ވަނީ ވަރަށް އަވަހަށް އޭނާގެ ކެންޑިޑޭޓް ޕްރޮފައިލް އުފައްދައި، ސިޔާސީ ދާއިރާގެ ހުރިހާ ފަރާތްތަކެއްގެ ސަމާލުކަން ހޯދާފައެވެ. ނަމަވެސް އަދިވެސް މެދުތެރޭގެ އިންތިޚާބުތަކަށް އަހަރެއްހާ ދުވަސް އެބައޮތެވެ. އަދި ރިޔާސީ އިންތިޚާބަށް ތިން އަހަރު އެބައޮތެވެ. އެހެންކަމުން، މިހާރު އޭނާ އުފައްދަމުންދާ ރާޅުތަކުން 2028 ގައި ރިޕަބްލިކަނުންގެ ހިތްތައް ބިންދާލާނެކަމަށް ބުނަން އަދި މާ އަވަސްކަމަށް މާކް ޝަނަހަން ވިދާޅުވެފަވެއެވެ.

ގަވިން ނިއުސަމް އަދި ޑޮނަލްޑް ޓްރަމްޕްގެ ޚިޔާލުފުޅުތައް

ގަވިން ނިއުސަމް ވޯލް ސްޓްރީޓް ޖާނަލްއަށް ޖޫން މަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، "އަޅުގަނޑު މިވަގުތު ރިޔާސީ އިންތިޚާބަށް ކުރިމަތިލުމާ މެދު ވިސްނަމަކުން ނުދަމެވެ. ނަމަވެސް އެއީ އަޅުގަނޑަށް ފެންނަ މަގެއްކަން އަޅުގަނޑަށް އެނގެއެވެ."

ޑޮނަލްޑް ޓްރަމްޕް އޯގަސްޓު 20 ވަނަ ދުވަހު ޓްރޫތް ސޯޝަލްގައި ލިޔުއްވާފައިވަނީ، "ގަވިން ނިއުސަމްގެ ޕޮޕިއުލަރިޓީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އޭނާއަކީ ކުރިން މަޝްހޫރުވެފައިވާ ކެލިފޯނިއާ ސްޓޭޓް ހަލާކުކުރަމުންދާ މީހެއްގެ ގޮތުގައި ބެލެވެއެވެ. އަޅުގަނޑު ކެލިފޯނިއާ ސަލާމަތްކުރާނަން!!!"

ނިއުސަމް އަދި ޓްރަމްޕްގެ މަޤްބޫލުކަމަށް ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކުގައި ބަދަލުތަކެއް އަތުވެދާނެއެވެ. ނިއުސަމް 2028 ވަނަ އަހަރުގެ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނަމަ، އެކަން އިޢުލާނުކުރައްވާނީ 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ މެދުތެރޭގެ އިންތިޚާބުތަކަށްފަހު ކަމަށް ލަފާކުރެވެއެވެ.