ނޫސްވެރިންނަށް މަރުގެ އިންޒާރު ދެމުންދާކަމަށް ފާހަގަކުރެވިފައިވާތީ، އެ މައްސަލަ ތަހުގީގުކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ ގުޅިގެން، ކޮމިޓީއަށް ނޫސްވެރިން ހާޒިރުކޮށް އެފަރާތްތަކުގެ ހިޔާލު މިއަދު ވަނީ އަޑުއަހާފައެވެ. މި ބައްދަލުވުމުގައި ބައެއް ނޫސްވެރިން ވަނީ އެމީހުންނަށް މަރުގެ އިންޒާރު ލިބެމުންދާ ވާހަކައާއި، ސޯޝަލް މީޑިއާގައި އެމީހުންގެ ފޮޓޯ ޝާއިޢުކޮށް އިންޒާރު ދެމުންދާކަން ފާހަގަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެފައިވަނީ، މިއީ ކޮމިޓީން އަމިއްލައަށް އިސްނަގައިގެން ފުލުހުންނަށް ހުށަހަޅަންޖެހޭ މައްސަލައެއް ކަމަށެވެ. އަދި މިކަން ބެލުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވެސް ތާއީދުކުރައްވާފައިވެއެވެ. އަދި އެފަދަ ކަމެއް ކުރިމަތިވެފައިވާ ނޫސްވެރިން އެކަން ލިޔުމުން ކޮމިޓީ އަށް ހުށަހަޅައިދިނުމަށް އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!