ޤައުމީ ދުވަހާ ގުޅިގެން މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އިތުރުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ އިސްވެރިންނެއް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އިހްތިފާލްގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން، މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނާއި މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމް އެވެ.
ދިދަނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި، ޤައުމީ ދިދަ ނެގުމުގެ އިތުރުން، ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރިއެވެ.
މި ރަސްމިއްޔާތު ނިމުނީ ޤައުމީ ދިފާއީ ބާރުގެ ބޭންޑްޕާޓީން ޤައުމީ ސަލާމް ކުޅުމާ އެކުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ޒިކުރާ އައުކުރުމުގެ ގޮތުންނެވެ. މި މުނާސަބަތު ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!