އަހަރަކު 2.3 ބިލިއަން ޑޮލަރު ގޭމިންގ އެޕްތަކުން ގެއްލެމުންދާކަން ސަރުކާރުގެ ތަފާސްހިސާބުތަކުން ހާމަވުމާއެކު، އިންޑިއާއިން ޖުވާ ސައިޓުތައް (އޮންލައިން ގޭމްބްލިންގ) ރަސްމީކޮށް މަނާކޮށްފިއެވެ.
މަޖިލީހުގެ މަތިގެއާތި ތިރިގެއިން ފާސްކޮށްފައިވާ މި އައު ޤާނޫނުގެ ސަބަބުން ޕޮކާ ކާޑު ކުޅުމާއި، ޕޯކަރ އަދި ފެންޓަސީ ސްޕޯޓްސް ހިމެނޭ ގޮތަށް އިންޑިއާގައި މަޤްބޫލު ކްރިކެޓް އަދި ސްޕޯޓްސް ބެޓް އެޕްތަކަށް ސީދާ އަސަރުކުރާނެއެވެ.
ޕްރޮމޯޝަން އެންޑް ރެގިއުލޭޝަން އޮފް އޮންލައިން ގޭމިންގ ބިލުގެ ދަށުން އޮންލައިން ޖުވާ ޕްލެޓްފޯމްތައް ޕްރޮމޯޓްކުރުމާއި، ފައިނޭންސްކުރުމާއި، ހިންގުމަކީ ކުށެކެވެ. މި ޤާނޫނުގެ ދަށުން 5 އަހަރާ ހަމައަށް މިކުށް ކުރާ މީހުން ޖަލަށްލެވިދާނެއެވެ.
ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންޑިއާގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް އޮންލައިން ޖުވާގެ ސަބަބުން މާލީ ގެއްލުން ވެފައިވެއެވެ.
"މި ޤާނޫނު ފަރުމާކުރެވިފައިވަނީ އަވަސް މުއްދަތެއްގައި މުއްސަނދިވެވޭނެކަމުގެ ހީލަތްތެރި ވަޢުދުތަކުގެ މައްޗަށް ބިނާވެފައިވާ ގޭމިންގ ޕްލެޓްފޯމްތަކުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް" ކަމަށް ސަރުކާރުގެ ބަޔާނެއްގައި ބުނެފައިވެއެވެ.
ބިލުން ޖުވާ ޕްލެޓްފޯމްތައް މަނާކުރި ނަމަވެސް، އީ-ސްޕޯޓްސް އަދި ތަޢުލީމީ ގޭމްތަކަށް އިސްތިސްނާ ކޮށްފައިވެއެވެ.
އިންޑިއާގެ ގޭމިންގ އިންޑަސްޓްރީއަކީ ވަރަށް ކުރިއަރާފައިވާ ދާއިރާއެކެވެ. އެހެން ކަމުން ގިނަ އިންޑަސްޓްރީ ގްރޫޕްތައް މުޅިން މަނާކުރުމުގެ ބަދަލުގައި ރެގިއުލޭޓްކޮށް ޓެކްސްކުރުމަށް ގޮވާލާފައިވީ ނަމަވެސް، މި ޤާނޫނަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ ޖުވާ އެޕްތައް ހިންގުމުގެ އިޤްތިޞާދީ ފައިދާއަށްވުރެ އިޖްތިމާޢީ ގެއްލުން މާ ބޮޑުކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!