ދިވެހިރާއްޖޭގައި ފުޓްބޯޅަ ކުޅޭތާ 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް ރަސްމީ ސިއްކައިގެ ގޮތުގައި ބޭނުންކުރުމަށާއި، އެ މުނާސަބަތު ފާހަގަ ކުރުމަށް އިންތިޒާމްކޮށްގެން ބާއްވާ މުބާރާތްތަކާއި، އެކިއެކި ހަރަކާތްތަކާއި ރަސްމިއްޔާތުތަކުގައި ބޭނުންކުރުމަށް ލޯގޯ އާއި ބްރޭންޑިންގެ ތައްޔާރު ކުރުމުގެ ފުރުސަތު ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.
ފަރުމާކޮށް ހުށަހަޅަންޖެހޭ ބްރޭންޑް އައިޑެންޓިޓީގެ ތެރޭގައި ހިމެނެނީ ލޯގޯ، ކަލަޕެލެޓް، ޓައިޕޯގްރަފީ އަދި މިތަކެތި ބޭނުންކުރާ ގޮތުގެ ގައުޑްލައިން އެވެ.
ލޯގޯ ފަރުމާކުރުމުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ ކުލަތަކުގެ ތެރޭގައި ހިމެނެނީ ރަތް، ނޫ، ރީނދޫ، އަދި ފެހި ކުލަ އެވެ. ފަރުމާކުރެވޭ ލޯގޯއަކީ ދިވެހި ފުޓްބޯޅައިގެ މާޒީ ރަމްޒުކޮށްދޭފަދަ އަމިއްލަވަންތަ ލޯގޯއަކަށްވާން ޖެހެއެވެ. ލޯގޯ ފަރުމާކުރުމުގައި ދިދަ، ޖާޒީ، ލެޓަރހެޑް އަދި ޓީޝާޓާއި ޖާޒީގެ އިތުރުން ވެބްސައިޓް ފަދަ ތަކެތީގައި ބޭނުންކުރެވޭ ފަދަ ގޮތަކަށް ފަރުމާކުރުމަށް އިސްކަންދޭން ޖެހެއެވެ. ފަރުމާކުރާ ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒުކޮށްދޭ ފަރުމާއަކަށް ވެގެން ނުވާއިރު، އެހެން ލޯގޯއެއް އަސްލަކަށް ބަލައިގެން ފަރުމާކުރާނަމަ އެ ލޯގޯގެ ކޮޕީއާއި ތަފްސީލް ހުށަހަޅަން ޖެހެއެވެ.
ހުށަހަޅާ ބްރޭންޑިންތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ބްރޭންޑިން އާއި ލޯގޯ ހުށަހަޅާ ފަރާތަކަށް ފައިސާގެ އިނާމްގެ ގޮތުގައި 15،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ބްރޭންޑިން އާއި ލޯގޯ ހުށަހަޅަން ބޭނުންވާ ފަރަތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުމަށް އެފްއޭއެމް އިން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!