ޕާކިސްތާނުގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތް ޕަންޖާބުން އުރަމަތީގެ ކެންސަރު ހުއްޓުވުމަށް ވެކްސިނެއް ތައްޔާރުކޮށް ޓެސްޓުތައް ކާމިޔާބު ކޮށްފި އެވެ.
އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އުރަމަތީގެ ކެންސަރަށް ފަރުވާއެއް ހޯދާފައިމިވަނީ، އެ ގައުމުގެ އަންހެނުންގެ މެދުގައި އިތުރުވަމުންދާ އުރަމަތީގެ ކެންސަރުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެކެވެ.
އޮފިޝަލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ވެކްސިނަކީ ހިއުމަން ޕެޕިލޯމާވައިރަސް (އެޗްޕީވީ) ދިރާސާތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވިފައިވާ ވެކްސިނެކެވެ. މި ވެކްސިން ގިނަ އަދަދަކަށް އުފެއްދުމާއި ބެހޭ ސިޔާސަތުތަކުގެ މަޝްވަރާތައް ވަނީ ފެށިފައެވެ. ޕަންޖާބު ޕްރޮވިންސްގެ މާލީ ވަޒީރު މުޖްތަބާ ޝުޖާ ވިދާޅުވީ މިއީ އެ ސަރަހައްދުގެ ސަރުކާރުން ޞިއްޙީ ދާއިރާއަށް ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ "ފާހަގަކޮށްލެވޭ ކާމިޔާބީއެއް" ކަމުގައެވެ.
ޕްރޮފެސަރ ޑރ. ޖާވެދް އަކްރަމް ވިދާޅުވި ގޮތުގައި 12 އަހަރުގެ އުމުރުގައި އަންހެން ކުދިންނަށް މި ވެކްސިންގެ ތިން ޑޯޒް ދިނުމުން، އުމުރަށް އުރަމަތީގެ ކެންސަރުން ރައްކާތެރިކަން ލިބިގެންދާނެކަމަށެވެ. ކެންސަރުގެ ސަބަބުން ޢާއިލާތަކަށް ކުރިމަތިވާ މާލީ އަދި ނަފްސާނީ ބުރަ ލުއިކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ވެކްސިން ލިބެން ފެށުމަކީ ޚާއްޞަކޮށް މެދު އަދި ދަށް އާމްދަނީ ލިބޭ ޢާއިލާތަކަށް ވަރަށް މުހިންމު ކުރިއެރުމެއް ކަމުގައި ބެލެވެއެވެ. މާހިރުން ގަބޫލުކުރައްވާ ގޮތުގައި މި ވެކްސިން ގައުމުގެ ހުރިހާ ކަންކޮޅުތަކެއްގައި ލިބެން ފެށުމުން، މިސަރަހައްދުގެ އެހެން ގައުމުތަކަށްވެސް ކެންސަރާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެހީތެރިވާނެ އެވެ.
ޞިއްޙީ އިދާރާތަކުން ހާމަކުރައްވާފައިވާ ގޮތުގައި އިތުރު ކްލިނިކަލް ޓްރަޔަލްތަކާއި ރައްކާތެރިކަން ޔަޤީން ކުރުމުގެ މަރުހަލާ ކުރިއަށްދާއިރު، ކުރިއަށް އޮތް މުސްތަގުބަލުގައި ގިނަ އަދަދެއްގެ ބަޔަކަށް މި ވެކްސިން ދިނުމުގެ ކެމްޕޭނުތައް ފެށިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!