ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ހުރި 48 އަހަރުގެ މީހަކު މިއަދު ފަތިހު ނިޔާވެއްޖެއެވެ.
ނިޔާވި މީހާއަކީ ގ. ޒާމިއާ / މާލެ، އަޙްމަދު އަފްރާޙް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ، ފުލުހުންގެ އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުކޮށްފައި ހުރި އަފްރާޙްގެ ހާލަތު މިއަދު ފަތިހު 05:50 އެހައިކަށްހާއިރު ބެލިއިރު ހަރަކާތް ހުއްޓިފައިވާކަން ފާހަގަކުރެވުމާ ގުޅިގެން އައިޖީއެމްއެޗްއަށް ގެންދެވުނެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ވަނީ ނިޔާވެފައިކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
އަފްރާޙް ފުލުހުންގެ ބަންދަށް ގެނެވިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަޙްޤީޤު މިހާރު ދަނީ ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަނުން ކުރިއަށެވެ.
މި ހާދިސާއާ ގުޅޭ މަޢުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާ ހިއްސާކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މި ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަޙްޤީޤެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!