އުރީދޫ ނޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 މިމަހުގެ 7 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންގޮސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އޮފީސްތަކުގެ ޓީމުތައް ބައިވެރިވެ، ދުނިޔޭގެ އެންމެ މަޤްބޫލު ތިން ވާދަވެރި ޓައިޓަލްކަމުގައިވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ ޓޯނަމަންޓްތަކުގައި ވަނީ ހުނަރުވެރި ކުޅުން ދައްކާލާފައެވެ.
މި މުބާރާތުގައި ޖުމްލަ 20 ކުންފުންޏެއްގެ 160 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވެއެވެ. އީއޭއެފްސީގައި 20 ކުންފުންޏަކުން 47 ކުޅުންތެރިން ބައިވެރިވިއިރު، އެމްއެލްބީބީގައި 5 ކުންފުންޏަކުން 9 ޓީމުގެ 63 ކުޅުންތެރިން އަދި ޕަބްޖީ މޮބައިލްގައި 9 ކުންފުންޏަކުން 11 ޓީމުގެ 52 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
ޕަބްޖީ މޮބައިލްގެ މުބާރާތުން އެއްވަނަ ހޯދީ ޔުނައިޓެޑް ބީއެމްއެލް އެސްޑީއެމްޒެޑް އެވެ. ދެވަނައަށް އެމްޓީސީސީ އަދި ތިންވަނައަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހޮވުނެވެ. އެމްއެލްބީބީގެ މުބާރާތުން އެއްވަނަ ހޯދީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. އަދި އީއޭއެފްސީގެ މުބާރާތުން އެއްވަނަ ހޯދީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޖަނާން މުހައްމަދެވެ.
އުރީދޫ ނޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ދެވަނަ އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕްގެ ސަބަބުން ރާއްޖޭގައި ހަލުވިކަމާއެކު ފުޅާވަމުންދާ އީސްޕޯޓްސްގެ މައިދާނުގައި އޮފީސްތަކުގެ ޓީމްތަކާއި ކުޅުންތެރިންނަށް ޚާއްޞަ ފުރުޞަތުތަކެއް ލިބިގެންދިޔައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!