މަސްވެރިކަމަށް ޒުވާނުން ޝައުގުވެރިކޮށް އަހުލުވެރިކަން އިތުރު ކުރުމަށް ބާއްވާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުންނެރުމަށް ކަމާއިގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ޒުވާނުންނަށް ފަހި ކޮށްދިނުމުގެ ގޮތުން ވާލްޑު ބޭންކު ގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސްގެ ޕްރޮޖެކްޓެކެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އުމުރުން 24 އަހަރުން ދަށުގެ، އަދި މަސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަސް ފަރާތަކަށެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް ހަމަޖެހިފައިވާ އުސޫލުން އެލަވަންސް އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ފަންނީ މައުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި އަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދޭނެއެވެ.
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކެމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މިމަހުގެ 27 ގެ ކުރިން ހުށަހެޅުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!