އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަން (2025/2026) ގެ ފުރަތަމަ މެޗު ރޭ ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ބޯންމައުތުގެ މައްޗަށް ކުރި ހޯދައިފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ.
ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ލިވަޕޫލުންނެވެ. މި ލަނޑު 37 ވަނަ މިނެޓުގައި ޖަހައިދިނީ މި ސީޒަނަށް ލިވަޕޫލާއި ގުޅުނު އެކިޓީކޭއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ މެކް އެލިސްޓާގެ އެހީތެރިކަމާއި އެކުއެވެ.
ލިވަޕޫލުން މެޗުގެ ލީޑު ފުޅާކޮށްފައި ވަނީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ގަކްޕޯ ޖަހައިދިން ލަނޑުންނެވެ. އޭނާ މި ލަނޑުޖަހަން އެހީތެރިވެދީފައި ވަނީ ފުރަތަމަ ލަނޑު ޖަހައިދިން އެކިޓީކޭއެވެ.
ދެ ލަނޑުގެ ލީޑެއްގައި ލިވަޕޫލު އޮއްވައި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ 64 ވަނަ މިނެޓުގައި ބޯންމައުތުގެ ސެމެންޔޯ ޖެހި ލަނޑާއިއެކުއެވެ. އޭނާ ވަނީ މެޗުގެ 76 ވަނަ މިނެޓުގައި ބޯންމައުތަށް ދެވަނަ ލަނޑުޖަހައިދިނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުގައި ދެވަނަ ފަހަރަށް ލިވަޕޫލުން ލީޑުނެގީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެމިނެޓަށްވެފައި ވަނިކޮށް ކިއޭސާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ މިދިޔަ ސީޒަންގައި ޔުވެންޓަސް ދޫކޮށް ލިވަޕޫލަށް ބަދަލުވި ކިއޭސާ އެ ޓީމަށް ލީގުގައި ޖަހައިދިން ފުރަތަމަ ލަނޑެވެ. އަނިޔާގެ މައްސަލަތަކާއި ފޯމު ދައްވުމުގެ ސަބަބުން މިދިޔަ ސީޒަންގައި ކިއޭސާއަށް ކުޅެން ލިބިފައިވަނީ ވެސް ވަރަށް މަދު ފުރުސަތެކެވެ.
ލިވަޕޫލުގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހީ ސަލާހްއެވެ. ސީޒަންގެ ފުރަތަމަ މެޗުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މިވަގުތު ވެސް އޮތީ ސަލާހް އަތުގައެވެ. އޭނާ ވަނީ މިހާތަނަށް ފުރަތަމަ މެޗުގައި ދިހަ ލަނޑު ޖަހާފައެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުތައް
އެސްޓަންވިލާ – ނިއުކާސަލް 16:30
ޓޮޓެންހަމް – ބާންލީ 19:00
ސަންޑަލޭންޑް – ވެސްޓް ހޭމް 19:00
ބްރައިޓަން – ފުލަމް 19:00
ވުލްވްސް – މެންޗެސްޓާ ސިޓީ 21:30
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!