އިސްރާއީލުން ފޭރިގަނެފައިވާ ފަލަސްތީނުގެ ހުޅަނގުއައްސޭރީގެ ބިންތަކުގައި ގެދޮރު ޢިމާރާތްކުރުމުގެ އައު މަޝްރޫޢުއެއްފަށައި، ޔަހޫދީން ވަޒަންވެރިކުރުމުގެ ޕްލޭނެއް އިސްރާއީލްގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ވަނީ ބުރާސްފަތި ދުވަހު ޢިއުލާންކޮށްފައެވެ.

''އީވަން (E1) ސެޓްލްމަންޓް ޕްރޮޖެކްޓް'' ނަމުން ނަންދީފައިވާ މި މަޝްރޫޢުގެ ދަށުން ފޭރިގެންފައިވާ ހުޅަނގުއައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް 3،400 އަށްވުރެ ގިނަ ގެދޮރު އެޅުމަށް އިސްރާއީލުން ވަނީ ނިންމާފައެވެ.

Ad
rt

''އީވަން ސެޓްލްމަންޓް ޕްރޮޖެކްޓް'' އަކީ އިސްރާއީލުން ކުރިންސުރެ އެކަށަހަޅާފައި އޮތް ޕްލޭނެކެވެ. މި ޕްލޭން ތަންފީޒުކުރަން ނިންމިކަން އިސްރާއީލުން ޢިއުލާންކުރުމުން ދުނިޔޭގެ އެކި ޤައުމުތަކާއި ޖަމާއަތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މި ޕްލޭނާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިންތިހާއަށް އޮތްއިރު، މި ޕްލޭނަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު، އަދި ސަރަޙައްދުގެ ސުލްޙައަށް ނުރައްކާވެދާނެ ފިޔަވަޅެއްގެ ގޮތުގައި ގިނަ ޤައުމުތަކުން ދެކެމުންދެއެވެ.

އިސްރާއީލުގެ ސެޓްލްމަންޓް ޕްލޭން

އިސްރާއީލުގެ މާލިއްޔަތު ވަޒީރު ބެޒަލެލް ސްމޮޓްރިޗް ބުރާސްފަތި ދުވަހު އިޢުލާނުކުރީ އިސްރާއީލުން ދިގު މުއްދަތަކަށް މަޑުޖައްސާލާފައިވާ E1 ސަރަޙައްދުގެ ވަޒަންވެރިކުރުމުގެ ޕްލޭންތައް ކުރިއަށް ގެންދާނެކަމަށެވެ. މި މަޝްރޫޢުގެ ދަށުން ހިފާފައިވާ އިރުމަތީ ޖެރޫސަލަމާއި އެތައް ކިލޯމީޓަރެއް އިރުމަތީގައިވާ ޤާނޫނާ ޚިލާފު އިސްރާއީލްގެ ވަޒަންވެރިންގެ އަވަށް ''މާލޭ އަދުމިމް'' އާ ގުޅުވާލާނެކަމަށް އޭނާ ބުނެފަވެއެވެ. މި މަޝްރޫޢުގެ ސަބަބުން ފަލަސްޠީނުގެ މިލްކިއްޔާތުގައިވާ ބިންތަކުގައި އިސްރާއީލްގެ ޔަހޫދީންގެ އައު އާބާދީއެއް އުފެދިގެންދާނެއެވެ.

ހުޅަނގު އައްސޭރިން އިސްރާއީލުން ފޭރިގަނެފައިވާ ބިމަކަށް ''މާލޭ އަދުމިމް'' ނަންދީ އިސްރާއީލްގެ ޔަހޫދީން ވަޒަންވެރިކުރުވާފައި، ފޮޓޯ: ރޮއިޓާސް

އެމެރިކާ އާއި އިސްރާއީލްގެ ޔޫރަޕުގެ އެކުވެރިންގެ ދެކޮޅުހެދުމާއި ހެދި އެތައް އަހަރެއް ވަންދެން ފަސްކޮށްފައިވާ އިސްރާއީލުން ރާވާފައިވާ ޔަހޫދީން ވަޒަންވެރިކުރުމުގެ މި ޕްލޭންގައި ހިމެނެނީ ފަލަސްޠީނުގެ މިލްކިއްޔާތުގައިވާ ބިމުގައި އިސްރާއީލްގެ ޔަހޫދީންނަށް 3،400 އަށްވުރެ ގިނަ ގެދޮރުއެޅުމަށެވެ. މަޝްރަޙް ދިރާސާކުރާ މީހުން ބުނާ ގޮތުގައި މި ބިމަކީ ހުޅަނގު އައްސޭރީގައި މުސްތަޤުބަލުގައި އުފެދޭނެ ސަރަޙައްދީ ގޮތުން ގުޅިފައިވާ ފަލަސްޠީނު ދައުލަތަކަށް ވަރަށް މުހިންމު ބިމެކެވެ.

އިސްރާއީލްގެ މާލީ ވަޒީރު ސްމޮޓްރިޗް ކިބުރުވެރިކަމާއެކު ބުނެފައި ވަނީ ޕްލޭން ތަންފީޒުކުރަން އަލުން ފަށަނީ ފަލަސްޠީނު ދައުލަތެއް ބަލައިގަތުމަށް ނިންމާފައިވާ ޤައުމުތަކަށް ޖަވާބެއް ދިނުމުގެ ގޮތުގައި ކަމަށެވެ.

އިސްރާއީލުގެ ސެޓްލްމަންޓް ޕްލޭންތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފަރާތްތަކުގެ ރައްދު

ފަލަސްޠީނު

ފަލަސްޠީނު ރައީސް މަޙްމޫދު އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ވިދާޅުވީ މި ޕްލޭންގެ ސަބަބުން ޣައްޒާގެ ހަނގުރާމައި، އިތުރުވަމުންދާ ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަން އިތުރުވުމާއި، އިތުރު ފިކުރުބޮޑުވުމާއި، ނުތަނަވަސްކަމާއި ހަމަނުޖެހުމަށް މެނުވީ މަގުފަހި ނުވާނެކަމަށެވެ. އޭނާ ވިދާޅުވީ އިސްރާއީލުގެ ފުޅާވަމުންދާ ޢަމަލުތައް ހުއްޓުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއިން ކަމަށެވެ. އަދި މި ވަޒަންވެރިކުރުމުގެ ޕްލޭން އިޢުލާނުކުރީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ "ބޮޑު އިސްރާއީލެއް" ގެ ވިޝަން ގެ ވާހަކަ ދައްކަވާފައިވަނިކޮށްކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ޔަހޫދީން ވަޒަންވެރިކުރުމުގެ ޕްލޭންތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ އެހީތެރިކަމަށް ގޮވާލާފައިވެއެވެ. އެ ވުޒާރާއިން އިސްރާއީލްގެ ''އީވަން ސެޓްލްމަންޓް ޕްލޭން'' ދެކެނީ ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމުގެ ޕްލޭންތަކުގެ ދަށުން ފަލަސްޠީނު ދައުލަތެއް އަމިއްލަ ވަޠަނުގައި ޤާއިމުކުރުމުގެ ފުރުޞަތު ނައްތާލުމާއި، އަމިއްލަ ޖިއޮގްރަފިކް އަދި ޑިމޮގްރަފިކް އެއްބައިވަންތަކަން ނެތިކޮށްލުމުގެ ޢަމަލެއްގެ ގޮތުގައެވެ. އަދި ހުޅަނގުއައްސޭރީގައި ޣައިރު ޤާނޫނީ ވަޒަންވެރިކުރުންތަކުން އެ ސަރަހައްދު އެކަހެރިކޮށް، ބައިބައިވުން އުފައްދައި، މުޅި ސަރަހައްދަށް އަތްގަދަކުރުމަށް ފަސޭހަކުރުމުގެ ބޭނުމުގައި އިސްރާއީލުން ކުރާ ކަމެއްގެ ގޮތުގައެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ފަލަސްތީނުގެ ރާމައްލޯ ސިޓީއާ ކައިރީގައި، އިސްރާއީލުން ވަޒަންވެރި ކުރުވާފައިވާ ޔަހޫދީންގެ ''ގިވަތް ޒީވް'' ގެ ނަންދީފައިވާ އާބާދީއެއް، މި ފޮޓޯނަގާފައި ވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު

ޤަޠަރު

ޤަޠަރުގެ ޚާރިޖީ ވުޒާރާއިން މި ޕްލޭން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިއީ ފަލަސްޠީނު ރައްޔިތުން މަޖުބޫރުން ނަޤުލުކުރުމަށް އަމާޒުކޮށްފައިވާ ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. މި ޕްލޭންގެ މަޤްޞަދަކީ ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުން ހުއްޓުވުންކަމަށް ދެކޭކަމަށް ވެސް ގަތަރުން ވަނީ ބުނެފައެވެ.

ސަޢޫދީޢަރަބިއްޔާ

ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ވަނީ އިސްރާއީލުގެ ސެޓްލްމަންޓް ޕްލޭންތައް ވަނީ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. އެ ވުޒާރާއިން ބުނެފައިވަނީ މިއީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު އަދި ދެ ދައުލަތުގެ ހައްލެއް ހޯދުމަށް އޮތް ފުރުޞަތަށް ނުރައްކާތެރި ބިރެއް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުން އެމީހުންގެ ޤާނޫނީ އަދި އަޚްލާޤީ ޒިންމާތައް އަދާކޮށް، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ގޮވާލާފައިވެއެވެ.

ޖޯޑަން

ޖޯޑަންގެ ޚާރިޖީ ވުޒާރާއިން ވެސް މި ފިޔަވަޅު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ވުޒާރާގެ ޚާއްޞަ ތަރުޖަމާނު ސުފްޔާން ޤުދާހް ވިދާޅުވެފައިވަނީ ޖޯޑަނުން މި ސެޓްލްމަންޓް ޕްލޭނާއި ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ޚިލާފުވާ އިސްރާއީލުގެ ފިޔަވަޅުތަކަށް މުޅިން އިންކާރުކޮށް ކުށްވެރިކުރާ ކަމަށެވެ. އަދި އޮކިއުޕައިޑް ވެސްޓް ބޭންކުގައި އިސްރާއީލު ސަރުކާރުގެ ފުޅާވަމުންދާ ސިޔާސަތު ކުރިއަށް ގެންދިއުމާ މެދު އިންޒާރު ދެއްވާފައިވެއެވެ.

އިރުމަތީ ޖެރޫސަލަމްގައި ޔަހޫދީން ވަޒަންވެރިކުރުމަށް ފަލަސްތީނު ރައްޔިތެއްގެ ގޭ އިސްރާއީލުން ފުނޑުފުނޑުކޮށްލަމުންދާއިރު އޭނާގެ ގެ ތަޅާލަމުންދާ މަންޒަރު ބަލަހައްޓައިގެން ހުރި ފަލަސްޠީނު ރައްޔިތެއް

ތުރުކީވިލާތް

ތުރުކީގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ސެޓްލްމަންޓް ޕްލޭނުން ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޤަރާރުތަކަށް އިޙްތިރާމް ނުކުރާ ކަމަށާއި، ފަލަސްޠީނު ދައުލަތުގެ ސަރަޙައްދީ އެއްބައިވަންތަކަމަށާއި، ދެ ދައުލަތުގެ ހައްލުގެ އަސާސަށާއި، ދެމެހެއްޓެނިވި ސުލްޙައަށް އޮތް އުންމީދުތަކަށް އަމާޒުހިފާ ކަމަށެވެ. އަދި 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އީސްޓް ޖެރޫސަލަމް އޭގެ ވެރިރަށް ކަމުގައިވާ މިނިވަން ފަލަސްޠީނު ދައުލަތަކަށް ތުރުކީގެ ތާއީދު އޮތްކަން އަލުން ކަށަވަރުކޮށްދީފައިވެއެވެ.

އިނގިރޭސިވިލާތް

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ ވިދާޅުވެފައިވަނީ މި ޕްލޭނަކީ ހުއްޓުވަންޖެހޭ ކަމެއްކަމަށެވެ. އަދި މި ޕްލޭނަކީ މުސްތަޤްބަލުގެ ފަލަސްޠީނު ދައުލަތެއް ދެބައިކޮށްލައި، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވާނެ ކަމެއްކަމަށެވެ. އިނގިރޭސިވިލާތުނ މި ޕްލޭނަށް ވަރަށް ބޮޑަށް އިދިކޮޅުހަދާކަމަށް އޭބނާ ވިދާޅުވެފައިވެއެވެ.

އިސްރާއީލްގެ މާލިއްޔަތު ވަޒީރު ބެޒަލެލް ސްމޮޓްރިޗް، އެ ބައިގަނޑުން ފޭރިގަނެފައިވާ ހުޅަނގުއައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމުގެ ޗާޓު އަންހެނަކަށް ދައްކާލަނީ، ފޮޓޯ: އަލްޖަޒީރާ

ޖަރުމަނުވިލާތް

ޖަރުމަނު ސަރުކާރުން އިސްރާއީލަށް ގޮވާލާފައިވަނީ ސެޓްލްމަންޓް އިމާރާތްކުރުން ހުއްޓާލުމަށެވެ. އަދި ޕްލޭނަށަށް ވަރަށް ބޮޑަށް އިދިކޮޅުހަދާކަމަށް ބުނެފައިވެއެވެ. ޖަރުމަނު ޚާރިޖީ ވުޒާރާއިން ބުނެފައި ވަނީ މިއީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ޤަރާރުތަކާ ޚިލާފު ކަމެއްކަމަށެވެ. އަދި މިކަމުން ހުޅަނގު އައްސޭރީގެ އިސްރާއީލީ އޮކިއުޕޭޝަން ނިމުމަކަށް ގެނައުމަށާއި ދެ ދައުލަތުގެ ހައްލެއް ވާހަކަދައްކައިގެން ހޯދުމަށް ބައިނަލްއަޤްވާމީ ކޯޓު އޮފް ޖަސްޓިސްއިން ގޮވާލާފައިވާ ގޮވާލުމަށް ހުރަސްއެޅޭނެކަމަށް ބުނެފަވެއެވެ.

ސްޕެއިން

ސްޕެއިންގެ ޚާރިޖީ ވަޒީރު ޚޯސޭ މެނުއެލް އަލްބަރެސް މި ފުޅާކުރުމުގެ ޕްލޭނާމެދު ވިދާޅުވެފައިވަނީ މިއީ ބައިނަލްއަޤްވާމީ ޤާނޫނާ އަލުން ޚިލާފުވުުވުމެއްގެ ގޮތުގައެވެ. އަދި މިއީ ދެ ދައުލަތުގެ ހައްލުގެ ވުޖޫދު ނެތިކޮށްލާ ކަމެއްކަމަށާއި، ދެ ދައުލަތުގެ ހައްލަކީ (ފަލަސްތީނާއި އިސްރާއީލް) ސުލްޙައަށް އޮތް ހަމައެކަނި މަގުކަމަށް ވިދާޅުވެފައިވެއެވެ.

އިސްރާއީލްގެ އީވަން ސެޓްލްމަންޓް ޕްލޭން، ފޮޓޯ: އިސްރާއީލްގެ ޕީސް ނައު ޖަމިއްޔާ

އެކުވެރި ދައުލަތްތައް (އދ)

އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ) އިން އިސްރާއީލަށް ގޮވާލާފައިވަނީ އެ ޤައުމުގެ ނިންމުން އަނބުރާ ގެންދިއުމަށެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވިދާޅުވެފައިވަނީ މިއީ ދެ ދައުލަތުގެ ހައްލުގެ ފުރުޞަތުތައް ނިމުމަކަށް ގެނެސްދޭނެ ކަމެއްކަމަށެވެ. އަދި ސެޓްލްމަންޓްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއްކަމަށާއި، މިކަމުން އޮކިއުޕޭޝަން އިތުރަށް އަށަގަންނުވާނެކަމަށް ވިދާޅުވެފައިވެއެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)

ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ ކާޖާ ކާލަސް މި ޕްލޭން ކުށްވެރިކުރައްވައި، މިއީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވުމެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި މިކަމުން ދެ ދައުލަތުގެ ހައްލެއް އިތުރަށް ބަލިކަށިވެގެންދާނެ ކަމަށް ފާހަގަކުރައްވާފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ މި ސަރަޙައްދުގައި ސެޓްލްމަންޓް އިމާރާތްކުރުން ތަންފީޒުކޮށްފިނަމަ، އޮކިއުޕައިޑް އީސްޓް ޖެރޫސަލަމާއި ވެސްޓް ބޭންކު (ހުޅަނގު އައްސޭރި)ގެ ދެމެދުގައިވާ ޖިއޮގްރަފިކް އަދި ސަރަޙައްދީ ގުޅުން ދާއިމީކޮށް ކަނޑާލައި، އަދި ވެސްޓް ބޭންކުގެ އުތުރާއި ދެކުނުގެ ދެމެދުގައިވާ ގުޅުން ވަކިކޮށްލާނެކަމަށެވެ. ޔޫރަޕިއަން ޔޫނިއަނުން އިސްރާއީލަށް ގޮވާލާފައިވަނީ މި ނިންމުން ކުރިއަށް ގެންދިއުމުން ދުރުހެލިވުމަށާއި، ސެޓްލްމަންޓް އިމާރާތްކުރުން މުޅިން ހުއްޓާލުމަށެވެ.

އިސްލާމީ ޤައުމުތަކުގެ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ)

އިސްލާމީ ޤައުމުތަކުގެ އެއްބާރުލުމުގެ ޖަމްޢިއްޔާއިން މި ޕްލޭންތައް ކުށްވެރިކޮށް، އިސްރާއީލީ އޮކިއުޕޭޝަނާއި ސެޓްލްމަންޓް ފުޅާކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނާއި، އދ.ގެ ޤަރާރުތަކާއި، ބައިނަލްއަޤްވާމީ ކޯޓު އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންގެ ދަށުން ޣައިރު ޤާނޫނީ ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިކަން ވަގުތުން ހުއްޓާލަންޖެހޭ ކަމަށް ބުނެފައިވެއެވެ. އޯއައިސީ އިން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައިވަނީ ޒިންމާ އުފުލައި، އިސްރާއީލު ޖަވާބުދާރީކުރުވައި، ބައިނަލްއަޤްވާމީ ޤާނޫނާއި ކަމާގުޅޭ އދ.ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅުތައް އެޅުމަށެވެ.

އިސްރާއީލުން ފަލަސްތީނު ރައްޔިތުންގެ ގެދޮރު ސުންނާފަތިކުރަނީ

އިސްރާއީލުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ގްރޫޕް ޕީސް ނައުު

އިސްރާއީލީ އެޑްވޮކަސީ ގްރޫޕް ޕީސް ނައުު އިން އިންޒާރު ދީފައިވަނީ މި ފިޔަވަޅަކީ އިތުރު އެތައް އަހަރެއްގެ ލޭއޮހޮރުވުމަށް ގެރެންޓީ ދިނުމެއްކަމަށެވެ. އެ ގްރޫޕުން ބުނެފައިވަނީ E1 ޕްލޭނަކީ އިސްރާއީލުގެ މުސްތަޤްބަލަށާއި ސުލްޙަވެރި ދެ ދައުލަތުގެ ހައްލެއް ހާސިލުކުރުމުގެ އެއްވެސް ފުރުޞަތަކަށް މަރުގެ ޙުކުމެއްކަމަށެވެ.

އިސްރާއީލްގެ ހާއްސަ އެކުވެރިޔާ އެމެރިކާ

އިސްރާއީލުގެ އެންމެ ބޮޑު މަދަދުވެރިޔާ ކަމުގައިވާ އެމެރިކާއިން އިސްރާއީލްގެ މި ޕްލޭނާ މެދު ފާޑުކިޔާ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އަދި ކަންބޮޑުވުން ފާޅުކޮށްފައެއްވެސް ނުވެއެވެ. ސެޓްލްމަންޓް ތަރައްޤީއާ ބެހޭގޮތުން ސުވާލުކުރުމުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޚާއްޞަ ތަރުޖަމާނު ވިދާޅުވެފައިވަނީ ވޮޝިންގްޓަނުން އަމާޒު ހިފާފައިވަނީ ޣައްޒާގެ ހަނގުރާމަ ނިންމުމަށާއި ހަމާސްއަށް އެ ސަރަޙައްދު ދުވަހަކުވެސް ނުހިންގޭނެކަން ކަށަވަރުކުރުމަށް ކަމަށެވެ.

ސުލްހައިގެ ދޮރު ހަނިވެ ދެ ދައުލަތުގެ ހައްލަށް އޮތް ހުރަހެއް

ގިނަ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން މި ޕްލޭނަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއްކަމަށް ދެކޭއިރު، މި ޕްލޭނުން ފަލަސްތީން-އިސްރާއީލް ދެ ދައުލަތުގެ ހައްލަށް ހުރަސްއެޅޭނެކަނަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. އެހެންކަމުން މި ޕްލޭނުގެ ސަބަބުން އިސްރާއީލާއި ފަލަސްޠީނުގެ ދެމެދުގައި ދެ ދައުލަތުގެ ހައްލެއް ހޯދުމަށް އޮތް ފުރުޞަތު އިތުރަށް ހަނިވެގެންދާއިރު، މި ޕްލޭނުގެ ސަބަބުން ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގެ ދެމެދުގައިވާ ގުޅުން ކެނޑި، ސަރަޙައްދީ އެއްބައިވަންތަކަމަށް ނޭދެވޭ އަސަރުކުރާނެކަމަށް ފާހަގަކުރެވެއެވެ. ހަމައެހެންމެ މި ޕްލޭނަކީ އިސްރާއީލުގެ އޮކިއުޕޭޝަން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓުމަށް މަގުފަހިކުރާނެ ޕްލޭނަކަށް ވެގެންދާއިރު، ގިނަ ފަރާތްތަކުން ދެކޭގޮތުގައި މި ޕްލޭނަކީ ސަރަޙައްދުގައި ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމުކުރުމަށް ހުރަސްއަޅާނެ ކަމެކެވެ. އެހެންކަމުން މި ފަރާތްތަކުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައިވަނީ އިސްރާއީލު ޖަވާބުދާރީކުރުވައި، މި ޕްލޭން ހުއްޓުވުމަށް އަމަލީ ފިޔަވަޅުތަކެއް އެޅުމަށެވެ.

ނޯޓު: މިއީ އަލްޖަޒީރާގައި ޝާޢިއުކޮށްފައިވާ ''އިސްރާއީލުގެ އޮކިއުޕައިޑް ވެސްޓް ބޭންކުގެ ސެޓްލްމަންޓް ޕްލޭނަށް ދުނިޔެ ރިއެކްޓްކުރާ ގޮތް'' ރިޕޯޓްގެ ޚުލާޞާ ތަރުޖަމާއެކެވެ.