ޣައްޒާއަކީ ފަލަސްތީނު ރައްޔިތުންގެ ތަނެއްކަމަށާއި، ޣައްޒާ އަތްދަށުލުމަށް އިސްރާއީލުން ކުރާ މަސައްކަތަށް ހަރުކަށިކަމާއެކު ދެކޮޅުހަދާކަމަށް ޗައިނާއިން މިއަދު ބުނެފިއެވެ.
ޣައްޒާ އަތްދަށުލުމަށް އިސްރާއީލުން ނިންމުމުން މިއަދު ވަނީ އެކުވެރި ދައުލަތްތައް (އދ)ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ޗައިނާއިން އދ. ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ފޫ ކޮންގް ދެއްކެވި ވާހަކާގައި ވިދާޅުވީ، އިސްރާއީލުން ޣައްޒާ "އޮކިއުޕައި" ކުރުމަށް ކުރާ އެއްވެސް މަސައްކަތަކަށް ޗައިނާއިން ތާއީދު ނުކުރާނެ ކަމަށެވެ. އަދި އެކަމާއި ހަރުކަށިކަމާއެކު އިދިކޮޅު ހަދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޣައްޒާއަކީ ފަލަސްތީނު ރައްޔިތުންގެ ތަނެއް. އެއީ ފަލަސްތީނު ސަރަޙައްދުގެ ވަކިނުކުރެވޭ ބައެއް. އެތަނުގެ ޑިމޮގްރަފިކް އަދި ސަރަޙައްދީ އޮނިގަނޑު ބަދަލުކުރަން އުޅޭ ކޮންމެ ޢަމަލަކަށް އެންމެ ހަރުކަށި ގޮތުގައި އިދިކޮޅު ހަދައި، ދެކޮޅު ހަދަންޖެހޭ" އޭނާ ވިދާޅުވިއެވެ.
"އަސްކަރީ ބާރުގެ ވަހުމު ދޫކޮށްލަންޖެހޭ.. ވަގުތުން ހަނގުރާމަ ހުއްޓާލުމަކީ ފުރާނަތައް ސަލާމަތްކޮށް، ރަހީނުން ދޫކޮށްލުމަށް އޮތް ހަމައެކަނި ރަނގަޅު ގޮތް. ޣައްޒާގައި އަސްކަރީ ހަމަލާތައް އިތުރަށް ފުޅާކުރުމުން ލިބޭނީ އިތުރު މަރާމާރީއާއި މަރުތައް އެކަނި" ފޫ ވިދާޅުވިއެވެ.
"އިސްރާއީލްގެ ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި އެމީހުންގެ ރައްޔިތުންގެ އަޑަށް ކަންފަތް ދީ، ވަގުތުން ހަމަނުޖެހުން އިތުރުކުރުން ހުއްޓާލައި، ޣައްޒާގައި ހިންގާ އަސްކަރީ ޢަމަލިއްޔާތުތަކަށް ނިމުމެއް ގެންނަން ޖެހޭ" އޭނާ އިތުރަށް ވިދާޅުވެފަވެއެވެ.
ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާ އާއި، އިންސާނީ އެހީ "ހަތިޔާރަކަށް" ހެދުމަކީ "ޤަބޫލުކުރެވޭނެ ކަމެއް ނޫން، އާންމު ރައްޔިތުންނާއި އިންސާނީ އެހީގެ މަސައްކަތްތެރިން ތަކެއްޗަށް އެދި އުޅޭއިރު އެމީހުންނަށް ހަމަލާދިނުމަކީވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫން" ފޫ ވިދާޅުވިއެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ދެ-ދައުލަތުގެ ހައްލުގެ ފުރުސަތު އަލުން ދިރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެއީ ފަލަސްތީނުގެ މައްސަލަ ހައްލުކޮށް، ސުލްހަވެރިކަމާއެކު ވަކިވަކިން ދިރިއުޅެވޭނެ ހަމައެކަނި ގޮތްކަމަށް ޗައިނާއިން އދ. ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ފޫ، އޭނާގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!