ފައިނޭންޝަލް ލިޓަރަސީ އަދި އިސްލާމީ ފައިނޭންސްއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް "ތަމްވީލް ފިންލިޓް ފެސްޓިވަލް 2025" މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތަޢާރަފުކޮށްފިއެވެ.

މި ފެސްޓިވަލް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީޢުއެވެ. އިފްތިތާހީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މާލީ ގޮތުން ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަކީ މިއަދު ވަރަށް މުހިންމު ކަމެކެވެ.

Ad
rt

މި ފެސްޓިވަލްގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންނާއި، ޒުވާނުންނާއި، އަދި މުޅި މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭގޮތަށް އިސްލާމީ ފައިނޭންސަށް ފަރިތަ މުޖުތަމަޢެއް ބިނާކުރުމެވެ. މި ފެސްޓިވަލްގައި ހިމެނޭ ހަ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ފިންލިޓް ޗެލެންޖް، އިކޮންކުއެސްޓް ބަހުސް މުބާރާތް، އިމްޕެކްޓް ޕިޗް ޗެލެންޖް، ފިއުޗަރ ފައިނޭންސް މަޒުމޫނު މުބާރާތް، ވެލިއުސް އެންޑް ވިޝަން އާޓް މުބާރާތް އަދި ކުރު ވީޑިއޯ މުބާރާތް ހިމެނެއެވެ.

18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ފިންލިޓް ޗެލެންޖްގައި ފައިސާ ރައްކާކުރުމާއި، ބަޖެޓް ހެދުމާއި، ހަލާލު އިންވެސްޓްކުރުމާއި، ރިސްކް ޙިއްޞާކުރުމާއި، އަދި އިސްލާމިކް ފައިނޭންޝަލް ނިޒާމުގެ އަސާސްތަކާ ބެހޭ މަޢުލޫމާތު ޓެސްޓުކުރެވޭނެއެވެ. އަދި 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް އިކޮންކުއެސްޓް ބަހުސް މުބާރާތުގައި ބައިވެރިވެ، މުހިންމު އިޤްތިޞާދީ މައްސަލަތަކާމެދު ބަހުސްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.